ސައުދީ އަރަބިޔާގައި ބިދޭސީންނަށް ވަޒީފާގެ ފުރުސަތުތައް ހަނި ކުރަނީ

ސައުދީ އަރަބިޔާއިން އެޤައުމުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 12 ބާވަތެއްގެ ވަޒީފާ އެގައުމުގައި އުޅޭ ބިދޭސީންނަށް އަދާ ނުކުރެވޭނެ ގޮތަށް ހަމަޖައްސައިފިއެވެ.

ސައުދީ އަރަބިޔާގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ބިދޭސީންނަށް އަދާ ނުކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ވަޒީފާތައް ހަމައެކަނި ލިބޭނީ އެޤައުމުގެ ރައްޔިތުންނަށް ކަމަށެވެ. މިނިންމެވުން ނިންމަވާފައިވަނީ ސައުދީ އަރަބިޔާގެ ލޭބަރ މިނިސްޓަރ އަލީ ބިން ނާސިރެވެ.  އަދި މި ނިންމެވުމަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގައެވެ.

ސައުދީ އަރަބިޔާގެ ލޭބަރ މިނިސްޓްރީން ބުނީ، ބިދޭސީންނަށް އާމްދަނީ ހޯދުމަށް އެގައުމުގައި ބައެއް މަސައްކަތްތައް ނުކުރެވޭ ގޮތަށް ހަމަޖެއްސީ، އެގައުމުގެ ފިރިހެނުންނާއި އަންހެނުންނަށް ޕްރައިވޭޓް ސެކްޓަރއިން ގިނަ ވަޒީފާތަކެއް އުފެއްދުމުގެ މަޤްސަދުގައި ކަމަށެވެ. ލޭބަރ މިނިސްޓްރީގެ ޚާލިދު އަބަލްޚައިލް ވިދާޅުވީ، ބިދޭސީންނަށް މަނާކުރި ވަޒީފާތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، އެކި ބާވަތްތަކުގެ ވިޔަފާރިއާއި ގުޅުން ހުރި މަސައްކަތްތައް ކަމަށެވެ.

އެގޮތުން ސިއްހީ އާލަތްތަކާއި، އިލެކްޓްރޯނިކް ސާމާނާއި، ފަރުނީޗަރުފަދަ ތަކެތީގެ ވިޔަފާރި ހިމެނެއެވެ. މިދިޔަ އަހަރުގައި ސައުދީ އަރަބިޔާގައި އަންއެންޕްލޯއިމެންޓް ރޭޓް ވަނީ 12 ޕަސެންޓަށް އިތުރުވެފައެވެ. މި ރޭޓް އިތުރުވީ ތެލުގެ އަގު ދަށްވެ، އިޤްތިސާދީ ކުރިއެރުމަށް ހުރަސް އެޅުމާއި ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. ސައުދީ އަރަބިޔާގައި ބިދޭސީންނަށް މަސައްކަތުގެ މާހައުލުން ދޭ ފުރުސަތުތައް ހަނިކޮށްފައިވާއިރު، ކްރައުން ޕްރިންސް މުޙައްމަދު ބިން ސަލްމާން ވަނީ ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކޮށް، އެޤައުމުގެ އިޤްތިސާދު ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ.

އެގޮތުން ކޮރަޕްޝަނާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރު ކޮށްފައިވާއިރު، ބައެއް ވަޒީރުންނާއި މަޝްހޫރު ވިޔަފާރުވެރިންނާއި، ޝާހީ އާއިލާގެ ބައެއް ބޭފުޅުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ވަނީ ހައްޔަރު ކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...