ރައީސް މަގާމުން ދުރުކުރަން ސްޕްރީމް ކޯޓަށް ވެއްދި މައްސަލަ ބޭރުކޮށްލައިފި

ކުރީގެ ރައީސް މައުމޫނާއި، ޖަލު ހުކުމް އިއްވާފައިވާ ތިން ލީޑަރުން

ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމަށް އެދި އިދިކޮޅު ހަތަރު ލީޑަރަކު ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބޭރުކޮށްލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަގާމުން ދުރުކުރުމަށް އެދި ކުރީގެ ރައީސް މައުމޫނާއި އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރުގެ އިތުރުން މިހާރު ޖަލު ހުކުމެއް އިއްވާފައިވާ ދެ ގައިދީން ކަމަށްވާ ގާސިމް އިބްރާހީމާއި، މުހައްމަދު ނަޝީދު ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލާފައިވަނީ އިތުރަށް ފުރިހަމަކުރުމަށެވެ. މިމައްސަލައާއި ގުޅިގެން ސްޕްރީމް ކޯޓުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާ ވެރިކަމުން އަޒުލުކުރުމަށް އެދި ހުށަހެޅި ސިޓީއަކީ ސައްހަ ސިޓީއެއް ނޫންކަމަށް ސިޔާސީ ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
 
އެކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ ޖަލަށް ހުކުމްކޮށްފައިވާ އެއްވެސް މީހަކަށް އެސާވިސްގެ ހުއްދަ ނެތި އެއްވެސް ފަރާތަކަށް ލިއުމެއް ނުފޮނުވޭނެ ކަމަށެވެ. އަދި ގައިދީންނަށް އެހެން މީހުންނާ މުއާމަލާތު ކުރުމާއި އެކި ފަރާތްތަކަށް ލިޔުކިއުން ފޮނުވޭނީ ކަރެކްޝަނަލް ސާވިސްގެ ހުއްދަ ހޯދައިގެން ގާނޫނީ ވަކީލަކު މެދުވެރިކޮށް ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

ކަރެކްޝަނަލް ސާވިސްއިން މިހެން ބުނެފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދާއި، ތިން އަހަރާ ދެ މަހާ ބާރަ ދުވަހަށް ޖަލަށް ހުކުމްކޮށްފައިވާ ގާސިމް އިބްރާހީމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ހުށަހެޅުމުންނެވެ. ގާސިމް އިބްރާހީމާއި ނަޝީދު ހޯދައިގެން އަނބުރާ ރާއްޖެ ގެނައުމަށް ފުލުހުންނަށް އަންގާފައިވާއިރު، އެބޭފުޅުންނަކީ ޖަލަށް ހުކުމް ކުރުމުން ބޭސްފަރުވާއަށް ކަމަށް ބުނެ، ދައުލަތަށް އޮޅުވާލައިގެން ގައުމުން ބޭރަށް ވަޑައިގެން ފިއްލަވައިގެން އުޅުއްވާ ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.

ގާނޫނު އަސާސީގެ ދިފާޢުގައި ކަމަށް ވިދާޅުވެ ސަރުކާރާ ދެކޮޅަށް ނުކުތް ހަތަރު ވެރިންގެ ތެރެއިން ރައީސް މައުމޫން ފިޔަވައި ދެން ތިއްބެވި ވެރިންނަކީ ގާނޫނާ ޚިލާފްވެގެން ބޮޑެތި ހުކުމް އިއްވާފައިވާ ބޭފުޅުންނެވެ. އަދި ހަތަރު ބޭފުޅުންގެ ފަރާތުން ކޯލިޝަންގައި ބައިވެރިވެ އިސްކޮށް ހަރަކާތްތެރިވި ގިނަ މީހުން ވެސް ގާނޫނާ ޚިލާފް އެތައް އަމަލުތަކެއް ހިންގުމުގެ ސަބަބުން އެފަރާތްތަކުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.
 
ރައީސުލްޖުމްޙުރިއްޔާ އަބްދުﷲ ޔާމީން ވެރިކަމުން އަޒުލު ކުރުމަށް އެދި ސްޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި އިރު، އެމަނިކުފާނުގެ މައްޗަށް އެއްވެސް ކުށެއް ސާބިތުވެފައެއް ނެތެވެ. ތަފާތު ތުހުމަތުތައް އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވައިގެން ދެކެވޭ އަސްލެއް ނެތް ވާހަކަތަކަށް ގައުމުގެ އެންމެ މަތީ މަރުހަލާއިން ގޮތް ނިންމުމަކީ ގާނޫނު ހުއްދަކުރާ ކަމެއްނޫނެވެ. ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅައި ދެބައިގެ އަޣުލަބިއްޔަތުންނެވެ.
 
މިދިޔަ އަހަރުގެ މޭ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ފަހު ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ. އެގޮތުން ރައީސް އަދި ނައިބު ރައީސް ވަކިކުރުމުގެ މައްސަލަތަކާއި ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަތަކާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ވެސް ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް އެ އަމުރުގައި ބުނެފައިވެ އެވެ.
 
ގާނޫނު އަސާސީއާއި ސްޕްރީމް ކޯޓުގެ އަމުރުގައި މިހެން ބުނެފައިވީ ނަމަވެސް މިމައްސަލައަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައެއް ނޫންކަން ވެސް ފާހަގަކޮށްލަންޖެހެއެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި އިސްތިއުފާދެއްވި ރައީސް ނަޝީދާއި ދައުލަތަށް ދަރާފައިވާ ކަމަށްބުނާ ގާސިމް އިބްރާހީމާއި، ތިރީސް އަހަރު ވެރިކަން ކުރެއްވި މައުމޫން އަބްދުލްގައްޔޫމް އިސްވެ ތިއްބަވައިގެން ހިންގާ ގާނޫނާ ޚިލާފް އަމަލުތަކާ ގުޅިގެން އޭގެ ހިތްދަތި ދުވަސްތައް ތަޖުރިބާކުރަމުންދަނީ ވެސް އިދިކޮޅު ލީޑަރުންގެ ފަހަތުގައި އެނބުރެމުންދާ އާދައިގެ މީހާއެވެ.

ގާނޫނުގައި ބުނާ ގޮތުން ބަޣާވާތަކަށް ގޮވާލުމާއި އިންސާނުން ރަހީނު ކުރުމަކީ މީހަކު ކުރާނެ އެންމެ ބޮޑެތި ކުށްތައް ކަމަށް ވާއިރު، މިފަދަ ބޮޑެތިވެގެންވާ ހުރިހާ ޖަރީމާއެއް ހިންގާފައިވާ ކުށްވެރިން ތިބީ އިދިކޮޅު ކޯލިޝަންގެ އިސް ވެރިންގެ ގޮތުގައިކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...