އިންޑިއާގެ ވެރިރަށް ދިއްލީގައި އަށްމަހުގެ ކުއްޖަކު ރޭޕް ކޮށްފި

ރޭޕްކުރުމާއި ދެކޮޅަށް އިންޑިއާގެ އަންހެނުން ތަކެއް އަޑުއުފުލަނީ

އިންޑިއާގެ ވެރިރަށް ދިއްލީގައި އުމުރުން އަށް މަހުގެ އަންހެން ކުއްޖަކު ރޭޕް ކޮށްފިއެވެ.

އެ ކުއްޖާ ރޭޕްކޮށްފައިވަނީ އެކުއްޖާގެ ދެބެންގެ ދެދަރި ފިރިހެނެއް ކަމަށާއި އެކުއްޖާ އާދީއްތަ ދުވަހު ހޮސްޕިޓަލަށް ގެންދެވުނުއިރު އެކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ބީބީސީގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ނޫސްތަކަށް މައުލޫމާތު ދެމުން އިންޑިއާގެ ފުލުހުން ބުނެފައިވަނީ އެކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުގައި 28 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ދިއްލީގެ ކޮމިޝަނާރ ފޯ ވުމެން ޗީފް ސްވާތީ މަލިވާލްއާއި ހަވާލާދީ ބީބީސީގައި ބުނެފައިވަނީ ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އެ އަނިޔާތަކުގެ ސަބަބުން އެކުއްޖާ ތިން ގަޑިއިރުގެ އޮފަރޭޝަނެއް ވެސް ކުރަންޖެހުނު ކަމަށެވެ. އަދި އިންޑިއާގައި ރޭޕްގެ މައްސަލަ ހައްލު ކުރުމަށް ހަރުދަނާ ގާނޫނުތަކެއް ހަދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ހިންގާފައިވާކަން އެކުއްޖާގެ ބެލެނިވެރިންނަށް އެނގުނީ އެކުއްޖާގެ ހެދުމުގައި ލޭގެ އަސަރު ހުރުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެ ކުއްޖާ ރޭޕްކުރި މީހާވެސް ދިރިއުޅެނީ އެއާއިލާއާއި އެކުގައި ކަމަށް އެކުއްޖާގެ މަންމަ އާއި ހަވާލާދީ ބީބީސީގައި ބުނެފައިވެއެވެ.

އެކުއްޖާގެ މަންމަ އާއި ބައްޕައަކީ ހެނދުނު ހެނދުނާ މަސައްކަތް ކުރަން ދާ ބައެއް ކަމުން އެމީހުން މަސައްކަތް ކުރަން ދަނީ އެކުއްޖާގެ ފަހަރިއަކާއި ހަވާލުކޮށްފައި ކަމަށާއި، ނަމަވެސް އެއީ އާދިއްތަ ދުވަސް ކަމަށްވުމާއެކު މި ހާދިސާ ހިނގާފައިވަނީ އެމީހުން ގޭގައި ނެތް ވަގުތެއްގައި ކަމަށް ބީބީސީގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހާ އޭނާގެ ކުށަށް އިއުތިރާފުވެފައިވާއިރު، އޭނާ އެކަން ކޮށްފައިވަނީ މަސްތުގެ ހާލަތުގައި ހުރެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...