ފީލް އިންވެސްޓްމަންޓުން ޑަބްލިއުޓީއެމް އެފްރިކާ 2018 ގައި ބައިވެރިވަނީ

ގެސްޓްހައުސްތަކަށް ފަހި ފުރުސަތުތަކާއެކު ފީލް އިންވެސްޓްމަންޓުން މިއަހަރުގެ ޑަބްލިއުޓީއެމް އެފްރިކާގައި ބައިވެރިވާން ނިންމައިފިއެވެ. އެކުންފުނިން މިކަން އިއުލާނުކުރީ މިއަދު ހޮޓެލް ޖެންގައި ބޭއްވި ހަފްލާއެއްގައެވެ.

އެ ހަފްލާގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ފީލް އިންވެސްޓްމަންޓްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އިބްރާހިމް ހުލައިލް ވިދާޅުވީ، މި ފެއާގައި ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ އެފްރިކާގެ ގައުމުތަކުގެ މެދުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް އިޝްތިހާރު ކުރުން ކަމަށެވެ. އަދި މި ފެއާއަށް ބޭރުގެ ގިނަ އަދަދެއްގެ އިންވެސްޓަރުންނާއި ޓުއަރ އޭޖެންޓުން ޒިޔާރަތް ކުރާނެ ކަމަށާއި، މި ފެއާގައި ބައިވެރިވުމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ހުލައިލް ވިދާޅުވިއެވެ.

ޑަބްލިއުޓީއެމް އެފްރިކާގައި 14 ރިސޯޓަކާއި 30 ގެސްޓްހައުސް އަދި ލިވަބޯޑްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިހާތަނަށް އައިއިރު ތިން ރިސޯޓަކުން ވަނީ އެ ފެއާގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައެވެ. އަދި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ފީލް އިންވެސްޓްމަންޓުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ހުލައިލް ވިދާޅުވީ އެ ފެއާގައި ބައިވެރިވާ ގެސްޓްހައުސްތަކަށާއި ލިވަބޯޑްތަކަށް ވަރަށް ޚާއްސަ އަގުތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން 500 ޑޮލަރުގެ އަގަކަށް ގެސްޓްހައުސްތަކާއި ލިވަބޯޑްތަކުގެ ބްރޯޝަރ ތަކާއި ބިޒްނަސް ކާޑުތައް ފެއާއަށް ގެންގޮސް ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ފީލް އިންވެސްޓްމަންޓްގެ ފަރާތުން ބަހާދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ޑަބްލިއުޓީއެމް އެފްރިކާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ދެކުނު އެފްރިކާގެ ވެރިރަށް ކޭޕް ޓައުންގައެވެ. އެ ފެއާއަށް ފަހު ދެކުނު އެފްރިކާގެ ޖޮހަނެސްބަރގްގައި ވަރަށް ޚާއްސަ ރޯޑް ޝޯވއެއް ވެސް ބޭއްވުމަށް ފީލް އިންވެސްޓްމަންޓުން ވަނީ ރާވާފައެވެ.

ފީލް އިންވެސްޓްމަންޓުގެ ފަރާތުން ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީތައް އެ ޕްލެޓްފޯމެއްގެ ދަށުން ގުޅުވާލަދީފައިވާ މޮބައިލް އެޕްލިކޭޝަން "ފީލް މޯލްޑިވްސް" ވެސް ދަނީ ހިންގަމުންނެވެ.

އެމްއެމްޕީއާރުސީން އެންޑޯސްކޮށް އަދި އުރީދޫ މޯލްޑިވްސްއިން ސްޕޮންސަރ ކޮށްފައިވާ މި އެޕްލިކޭޝަނުގައި ލިސްޓް ކުރުމުގެ ފުރުސަތު އަދި މިހާތަނަށް ހިލޭ ލިބިގެންދާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

މި އެޕްލިކޭޝަނުން އަގޯޑާ މެދުވެރިކޮށް ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީތައް ބުކް ކުރުމުގެ ފުރުސަތު ލިބިގެންދާއިރު، ދިވެހިންނަށް ވަރަށް ޚާއްސަ ޕެކޭޖްތަކެއް ވެސް ވަނީ ފަރުމާކޮށްފައެވެ. މީގެ އިތުރުން މި އެޕްލިކޭޝަންގައި ހިމަނާފައިވާ ޝޮޕް ފީޗަރ މެދުވެރިކޮށް ރާއްޖޭގެ ގެސްޓްޝޮޕްތަކާ ބެހޭ މައުލޫމާތު ވެސް ލިބިގެންދާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...