އިންސްޓެގްރާމް ކުރި ފޮޓޯއަކާއި ގުޅިގެން ކާޖޮލްއަށް އެތައް ބައެއްގެ ފާޑު ކިޔުން!

ބޮލީވުޑްގެ ބަތަލާ ކާޖޮލް އަކީ ގައިގެ ކުލަ އެހާ އަލި ނޫން ތަރިއެއް ނަމަވެސް ވަރަށް ރީތި ތަރިއެއް ކަމަށް ގިނަ މީހުން ޤަބޫލް ކުރެއެވެ. އަދި ކާޖޮލްގެ ލޮލުގެ ރީތި ކަމަށް ތައުރީފް ކުރާ މީހުންވެސް މަދެއް ނޫނެވެ.

އެހެންނަމަވެސް ސޯޝަލް މީޑިއާގައި ހިއްސާ ކުރި ސެލްފީއަކާއި ގުޅިގެން، އެތައް ބަޔަކު މިވަނީ ކާޖޮލްއަށް ފާޑު ކިޔުންތައް އަމާޒު ކޮށްފައެވެ. ދާދި ފަހުން އިންސްޓެގްރާމްގައި ޝެއާ ކުރި ފޮޓޯއެއްގައި ކާޖޮލްގެ މޫނަށް އިރުގެ އަލި އެޅިފައިވާއިރު، ފޮޓޯގެ ކެޕްޝަންގައި ކާޖޮލް ލިޔެފައިވަނީ" ސަންކިސްޑް މޫޑް" މިހެންނެވެ. މި ފޮޓޯއަށް ކޮމެންޓް ކުރި ބައެއް މީހުން ވަނީ ފޮޓޯގައި ކާޖޮލް ފެންނަނީ މޫނު "ބްލީޗް" ކޮށްފައި ހުންނައިރު ފެންނަ ގޮތަށް ކަމަށެވެ.

ކާޖޮލް އެންމެ ފުރަތަމަ ފިލްމު ކުޅެން ފެށިއިރު، ގައިގެ ހަމުގެ ކުލަ އަލި ނޫން ނަމަވެސް، ފަހަކަށް އައިސް ކާޖޮލް މާ ދޮންވެފައި ވާތީ އެއީ ކިހިނެއް ވީ ކަމެއްތޯވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ. މީގެ ކުރިން 2014 ވަނަ އަހަރުވެސް ކާޖޮލްއަށް މިފަދަ ސުވާލުތަކެއް ކުރިމަތިވިއެވެ. އެގޮތުން ކާޖޮލް ދޮން ވުމަށްޓަކައި މެލަނިން ޓްރީޓްމަންޓް ނަގާފައިވޭތޯ ސުވާލު ކުރުމުން ކާޖޮލް ބުނެފައިވަނީ އޭނާ ދޮން ވެފައިވަނީ ގިނަ ވަގުތު ގޭގައި އިނުމުން ކަމަށެވެ.

ކާޖޮލްގެ ހަމުގެ ކުލައަށް ބަދަލު އައިނަމަވެސް، 1992 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވުމާއެކު، ކާޖޮލްއަށް ލިބެން ފެށި ތަރުހީބަށް ބަދަލެއް އައިސްފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...