"ސްޓްރީ"ގައި ޝްރަދާ ފެނިގެންދާނީ މުޅިން ތަފާތު ރޯލަކުން- ޕްރޮޑިއުސަރު

ޝްރަދާ ކަޕޫރް.

ހޮރޯ ކޮމެޑީ ފިލްމެއް ކަމަށްވާ "ސްޓްރީ" އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޕްރޮޑިއުސަރު ދިނޭޝް ވިޖާން ބުނެފައި ވަނީ ބޮލީވުޑްގެ ބަތަލާ ޝްރަދާ ކަޕޫރުގެ ތަފާތު މިޒާޖު އަދި ބެލުންތެރިންނަށް އެންމެ ފުރިހަމައަށް ފެނިފައި ނުވާ ކަމަށެވެ. 

އަދި ފިލްމެއްގައި އެބައި އަދި މިހާތަނަށް ދައްކާލެވިފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް މިހާރު އޭނާ އުފައްދަމުން އަންނަ ފިލްމު ސްޓްރީއިން ޝްރަދާގެ ތަފާތު ހުނަރެއް ބެލުންތެރިންނަށް ފެނިގެންދާނެ ކަމަށެވެ. ވިޖާން ބުނީ ފިލްމުގައި ޝްރަދާ އަދާ ކުރާ ރޯލު ހުރިހާ ބެލުންތެރިންވެސް ހަނދާން ކުރާނެ ކަމަށެވެ.

ބަތަލާ ޝްރަދާގެ އިތުރުން ފިލްމު ސްޓްރީގައި ދެން ފެނިގެންދާނެ ތަރިންގެ ތެރޭގައި ފަހަކަށް އައިސް އާއްމުންގެ މަޤްބޫލް ކަމެއް ހޯދަމުން އަންނަ ރާޖް ކުމާރް ރާއޯ ހިމެނެއެވެ. މި ފިލްމުގެ ޝޫޓިން މިހާރު ފަށާފައިވާއިރު، ފިލްމުގެ ޑައިރެކްޓަރަކީ އަމަރް ކޯޝިކް އެވެ. ފިލްމުގެ ޝޫޓިން ފެށުނުކަން ހާމަ ކުރުމަށް ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ތަރި ޝްރަދާ ކަޕޫރު ވަނީ، ރާޖް ކުމާރް ރާއޯއާއި އެކީގައި ނަގާފައިވާ ސެލްފީއަކާއެކު ޝޫޓިން ފެށުނު ކަން ހާމަ ކޮށްފައެވެ.

ޝްރަދާ އިންސްޓެގްރާމްގައި ކޮށްފައިވާ ޕޯސްޓް.

ސްޓްރީގެ ޕްރޮޑަކްޝަން ހައުސްއިން ނެރުނު ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ، ފިލްމުގައި ޝްރަދާ ފެނިގެންދާނީ ކުޑަ އަވަށެއްގައި އުޅޭ ޒުވާން އަންހެން ކުއްޖެއްގެ ރޯލުން ކަމަށެވެ. އަދި ޝްރަދާ އެ ފިލްމުގައި ފެނިގެންދާނީ ވަރަށް ތަފާތު ރޯލަކުން ކަމަށާއި، މީގެ ކުރިން ބޮލީވުޑްގެ ބަތަލާއެއް އެފަދަ ރޯލަކުން ފެނިފައި ނުވާނެ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...