މެސީ ބާސެލޯނާ ސަލާމަތް ކޮށްދީފި

ސްޕޭނުގެ ލަލީގާގައި ރޭ އަލަވޭސް އަތުން ފަހަތުން އަރައި 2-1 އަކުން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ބާސެލޯނާގެ ނޫ ކޭމްޕްގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ކައުންޓަރ އެޓޭކުގައި އަލަވޭސް ވަނީ އެ ޓީމުގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެގޮތުން ބާސެލޯނާ އިން އަލަވޭސްގެ ގޯލާ ކައިރިން ކުޅެނިކޮށް ބޯޅަ އަތުލައި ފޮނުވާލި ކައުންޓާ އެޓޭކެއްގައި ޖޯން ގިޑެޓީ ވަނީ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައި އަލަވޭސް އަށް ލީޑު ނަގާދީފަ އެވެ.

އޭގެ ފަހުން ބާސެލޯނާއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް، އަލަވޭސްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. ރޭގެ މެޗުގައި މެސީގެ ފަރާތުން އާދަޔާ ހިލާފު މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު، މެސީ ވަނީ ހިލޭ ޖެހުންތަކުން ވެސް އަލަވޭސް އަށް ނުރައްކާކޮށްފަ އެވެ.

އެ މެޗުގެ ނަތީޖާ ބާސެލޯނާ އަށް އެއްވަރުކޮށްދިނީ ލުއިސް ސުއާރޭޒް އެވެ. އޭނާ އެ ލަނޑު ޖަހާފައިވަނީ އަންދްރޭސް އިނިއެސްޓާ ތަނަވަސްކޮށްދިން ބޯޅައަކުން މެޗުގެ 71 ވަނަ މިނެޓުގަ އެވެ. އޭގެ ފަހުން 83 ވަނަ މިނެޓުގަ ބާސެލޯނާ އަށް ތިން ޕޮއިންޓް ހޯދައިދިން ލަނޑު މެސީ ކާމިޔާބުކުރި އިރު، އޭނާ އެ ލަނޑު ޖަހާފައިވަނީ އަލަވޭސްގެ ގޯލް އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ރޭގެ މެޗުން ތިން ޕޮއިންޓް ހޯދުމާ އެކު ބާސެލޯނާ އޮތީ ލީގު ތާވަލުގެ އެއްވަނައިގަ 11 ޕޮއިންޓްގެ ލީޑަކާއެކު ގައެވެ. އެގޮތުން ބާސެލޯނާ އަށް 57 ޕޮއިންޓް ލިބިފައިވާ އިރު، އެ ޓީމާ އެންމެ ގާތުން ދެވަނައިގަ އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 46 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ވެލެންސިއާ އަށް 40 ޕޮއިންޓް ލިބިފައިވާއިރު މިދިޔަ ސީޒަނުގެ ޗެމްޕިއަނުން ރެއާލް މެޑްރިޑް އޮތީ ހަތަރުވަނައިގައި 38 ޕޮއިންޓާއެކުގައި އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...