ވެލެންސިއާ ބަލިކުރުމުން ޒިދާން އަށް ކުރިމަތިވި ޕްރެޝަރު މައިތިރިވެއްޖެ

ސްޕޭނުގެ ލަލީގާގައި ރޭ ވެލެންސިއާ އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވުމާ އެކު، ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން އަށް ކުރިމަތިވެފައިވާ ޕްރެޝަރު ކުޑަވެއްޖެ އެވެ.


ރޭގެ މެޗަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ސާދަވަނަ ދުވަހަށް ފަހު ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑު ނޫން އެހެން ދަނޑެއްގައި އެ ޓީމަށް މޮޅުވެވުނު ފުރަތަމަ މެޗަށް ކަމަށްވާ އިރު ރޭ ވެލެންސިއާ އަތުން އެ ޓީމް ހޯދާފައިވަނީ ވަރަށް އުނދަގޫ މޮޅެކެވެ. ވެލެންސިއާ އިން ރޭ މޮޅު ކުޅުމެއް ދައްކައި މެޗުގެ ބޮޑު ބައި ރެއާލް މެޑްރިޑް ޕްރެޝަރަށް ވައްޓާލައިގެން ކުޅުން ނަމަވެސް، ފުރަތަމަ ހާފްގައި ރެއާލް މެޑްރިޑުން ވަނީ ލިބުނު ދެ ޕެނަލްޓީއެއް ގޯލަށް ޖަހާ ނަތީއްޖާ ދޭއް ސުމަކަށް ބަދަލުކޮށްފައެވެ. އެގޮތުން، ފުރަތަމަ ހާފްގައި ލިބުނު ދެ ޕެނަލްޓީވެސް އެ ޓީމަށް ޖަހާފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.


ދެވަނަ ހާފްގެ ކުޅުން ފެށިގެން ވެލެންސިއާގެ ކުޅުން ވަރަށް ބޮޑަށް ވަރުގަދަކޮށް 57 ވަނަ މިނެޓުގައި މީނާ ލޮރެންޒޯ ވަނީ ބޮލުން ލަނޑެއް ޖަހައި ވެލެންސިއާ އަށް އުންމީދު އާ ކޮށްދީފަ އެވެ. ނަމަވެސް، ރެއާލް މެޑްރިޑް ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓާފައެވެ. ނަތީޖާއެއްގެ ގޮތުން ވެލެންސިއާގެ ޑިފެންޑަރުންނަށް ގޯސްތަކެއް ހެދި، އޭގެ ފައިދާ ނަގައި ރެއާލް މެޑްރިޑްގެ ޑިފެންޑަރު މާސެލޯ ވަނީ ލަނޑެއް ޖަހައި ރެއާލްގެ ލީޑު ދެ ލަނޑަށް ފުޅާކޮށްފަ އެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތުކޮޅު ޓޯނީ ކްރޫސް ވަނީ ގޯލުގެ އޭރިއާ ބޭރުން ހިތްގައިމު ހަމަލާއެއް ފޮނުވާލައި ނަތީޖާ 4-1 އަކަށް ބަދަލުކޮށްލާފަ އެވެ.  


އެ މެޗުގެ ނަތީޖާ އާއެކު ލީގު ތާވަލުގެ ހަތަރުވަނައިގަ އޮތް ރެއާލް މެޑްރިޑް ވަނީ 38 ޕޮއިންޓް ހޯދާ ތިންވަނައިގަ އޮތް ވެލެންސިއާގެ ދެ ޕޮއިންޓާ ކައިރިއަށް ޖެހިލާފަ އެވެ. ވެލެންސިއާ އަށް 40 ޕޮއިންޓް ލިބިފައިވާ އިރު ދެވަނައިގަ އޮތީ 43 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑެވެ. ލީގު ތާވަލުގެ އެއްވަނައިގަ އޮތް ބާސެލޯނާ ވަނީ 54 ޕޮއިންޓް ހޯދާފަ އެވެ.



ރޭގެ މެޗާ ކުރިމަތިލި އިރު ކޮޕާ ޑެލް ރޭގައި ލެގާނޭސް އަތުން ބަލިވެ އެ މުބާރާތުން ރެއާލް މެޑްރިޑް އަލްވަދާއު ކިޔަން ޖެހުމުން ޒިދާން އަށް ބޮޑު ޕްރެޝަރެއް ކުރިމަތިވި އިރު، ޗެމްޕިއަންސް ލީގުގެ ފަހު 16 ބުރުގައި އަންނަ މަހު ފްރާންސްގެ ޕީއެސްޖީ އާ ދެކޮޅަށް އެ ޓީމް ނުކުންނާނެ އެވެ. އަދި އެ މެޗުން ރެއާލް ބަލިވެއްޖެ ނަމަ، ރެއާލްގެ ކޯޗު ކަމުން ޒިދާން ވަކިކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...