ޔޯވިލް ޓައުން އަތުން ޔުނައިޓެޑަށް މޮޅެއް

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ލީގު ޓޫ ޓީމެއް ކަމަށްވާ ޔޯވިލް ޓައުން އާ ވާދަކޮށް 4-0 ގެ ނަތީޖައަކުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.


އެ މެޗުގައި ޔުނައިޓެޑަށް މި ހިނގާ ޖަނަވަރީ ޓްރާންސްފާގައި ސޮއިކުރި އެލެކްސިސް ސޭންޗޭޒް ފުރަތަމަ ފަހަރަށް ޔުނައިޓެޑްގެ ކުލަތަކުގައި މެޗެއް ކުޅުން އިރު ސޭންޗޭޒް ވަނީ ފުރަތަމަ ދެ ލަނޑު ޖެހުމުގައި ޔުނައިޓެޑަށް މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެގޮތުން ރޭ ޔޯވިލް ކޮޅަށް މާކަސް ރާޝްފޯޑާއި އެންޑާ ހެރޭރާ ޖެހި ދެ ލަނޑަށް ބޯޅަ ތަނަވަސްކޮށްދީފައިވަނީ ސޭންޗޭޒް އެވެ. ޗިލީ އަށް ނިސްބަތްވާ ކުޅުންތެރިއާގެ ފަރާތުން ރޭ މޮޅު ކުޅުމެއް ފެނިފައިވެ އެވެ.


މެޗުގެ 70 ވަނަ މިނެޓުގައި ސޭންޗޭޒްގެ ބަދަލުގައި ޖެސީ ލިންގާޑް އެރުވި އިރު، ދެވަނަ ހާފުގައި ސްޓްރައިކަރު ރޮމޭލޫ ލުކާކޫ ވެސް އަރުވާފައިވެ އެވެ. މި ދެ ކުޅުންތެރިން ވެގެން ޔުނައިޓެޑްގެ އަނެއް ދެ ލަނޑު ޖެހިއިރު، އެ ދެ ކުޅުންތެރިން ވެސް ލަނޑު ޖަހާފައިވަނީ މެޗު ނިމެން ކުޑަތަން ވެފައިވަނިކޮށެވެ. ޔޯވިލް އާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗަކީ ޔުނައިޓެޑްގެ ކޯޗު ޖޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އެ ޓީމް ކުޅުނު ސަތޭކަވަނަ މެޗެވެ. ރޭ މޮޅުވުމާއެކު މޮރީނިއޯ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ސަތޭކަ މެޗުގެ ތެރެއިން އެ ޓީމް ވަނީ ފަސްދޮޅަސް ދެ މެޗުން މޮޅުވެފަ އެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...