އުނދަގޫތަކާއެކު ރިލީޒް ކުރި "ޕަދްމާވަތު"އަށް ބޮޑު ތަރުހީބެއް!

ސަންޖޭލީލާ ބަންސާލީގެ ފިލްމު "ޕަދުމާވަތު" ބުރާސްފަތި ދުވަހު ރިލީޒްކޮށްފައިވާއިރު، އެފިލްމަށް ދަނީ ރަނގަޅު ތަރުހީބެއް ލިބެމުންނެވެ.

ޝާހިދު ކަޕޫރް، ދިޕިކާ ފަދުކޯން އަދި ރަންވީރް ސިންހް ލީޑް ރޯލުން ފެނިގެންދާ މިފިލްމަށް އެންމެ ފުރަތަމަ ދުވަހު 18 ކުރޯޑް ރުޕީސް ވަނީ ލިބިފައެވެ. މިއީ ފިލްމާއި ދެކޮޅަށް އެތައް ބަޔަކު މުޒާހަރާ ކުރަމުން ދަނިކޮށް، ފުރަތަމަ ދުވަހާ އަޅާބަލާއިރު، ފިލްމަށް ލިބުނު އެކަށީގެންވާ ތަރުހީބެކޭ ބުނެވިދާނެއެވެ.

ޕަދްމާވަތު ރިލީޒް ކުރުމާއި ދެކޮޅަށް އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި މުޒާހަރާ ކުރަމުން ދަނިކޮށް، ފިލްމުގެ ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީއަށް ކާމިޔާބު ލިބިފައިވަނީ، ސުޕްރީމް ކޯޓުން އިންޑިއާގެ ހުރިހާ ސްޓޭޓެއްގައި ފިލްމު ރިލީޒް ކުރަން ހުއްދަ ދިނުމާއި ގުޅިގެންނެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ބައެއް ސަރަހައްދުތަކުގައި ޕަދުމާވަތު ރިލީޒް ކުރުމާއި ދެކޮޅަށް މުޒާހަރާ ނުކުރި ނަމަ، ފިލްމަށް ފުރަތަމަ ދުވަހުވެސް ބޮޑު ތަރުހީބެއް ލިބުނީސް ކަމަށެވެ. ޕަދުމާވަތު މިހާރުވެސް ދަނީ މުމްބާއީ އަދި އަންދްރަޕްރަދޭޝްގައި ބޮޑު މަޤްބޫލް ކަމެއް ހޯދަމުންނެވެ. މިއަދު ފާހަގަ ކުރަމުން އަންނަ އިންޑިއާގެ ޖުމްހޫރީ ދުވަހާއި ގުޅިގެން ފިލްމަށް ލިބޭ ތަރުހީބު އިތުރު ވެގެންދާނެ ކަމަށް ތަޖުރިބާކާރުން ވަނީ ލަފާ ކޮށްފައެވެ.

ޕަދްމާވަތު އަކީ 13 ވަނަ ޤަރުނުގައި އިންޑިއާގައި އުޅުއްވި ރާނީ ޕަދްމާވަތީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގައި ރާނީ ޕަދްމާވަތީގެ ރޯލުން ފެންނާނީ ދިޕިކާއެވެ. އަދި ރާނީ ޕަދްމާވަތީގެ ފިރިކަލުން މަހާރަވާލް ރަތަން ސިންގެ ރޯލުން ފެންނާނީ ޝާހިދު ކަޕޫރެވެ. އަދި ޕަދްމާވަތީ ދެކެ އިންތިހާއަށް ލޯބިވެވި، އޭނާ ހާސިލް ކުރަން ބޭނުންވާ ދިއްލީގެ ސުލްތާން، އަލާއުއްދީން ޚިލްޖީގެ ރޯލުން ފެނިގެންދާނީ ރަންވީރް ސިންއެވެ.

"ޕަދްމާވަތު"އަށް އެންމެ ފުރަތަމަ ދުވަހު ލިބުނު ކާމިޔާބީއާއި މެދުގައި ފިލްމުގެ ޕްރޮޑޮއުސަރުންނާއި ތަރިން ތިބީ ވަަރަށް ހިތްހަމަޖެހިފައެވެ. ފިލްމުގެ ބަތަލާ ދިޕިކާ ބުނީ، ފިލްމަށްޓަކައި އެތައް ބަޔަކު ކުރި މަސައްކަތުގެ ފޮނި ނަތީޖާ ފެނިފައިވާ ކަމަށާއި، ފިލްމަށް ލިބުނު ރިއެކްޝަންތަކާއިމެދުގައި ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

ޕަދުމާވަތުއަށް ކުރިން ކިޔަން ނިންމި ނަމަކީ، ޕަދުމާވަތީއެވެ. އެހެންނަމަވެސް އެނަމަކީ އިންޑިއާގެ ކުރީގެ ރާނީއެއްގެ ނަމަކަށް ވުމުން، ފިލްމާމެދު އުފެދިފައިވާ ރުޅިވެރިކަން ކުޑަ ކުރުމަށް، އެންމެ ފަހުން ފިލްމުގެ ނަން ބަދަލު ކުރީއެވެ. ބޮލީވުޑްގައި ޕަދުމާވަތުގެ އިތުރުން އެހެން ބައެއް ފިލްމުތައްވެސް މިފަދަ މައްސަލަތަކާއި ގުޅިގެން ނަން ބަދަލުކޮށްފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...