ފެބްރުއަރީ މަހު ސިވިލް ސަރވިސް މުވައްޒަފުންނަށް ލިބިގެންދާނީ ބޮޑުކުރި މުސާރަ: މުނައްވަރު

- ފޮޓޯ - ޗެނަލް ތާރޓީން

ސިވިލް ސަރވިސް މުވައްޒަފުންނަށް އަންނަ މަހު ލިބިގެންދާނީ ބޮޑުކުރި މުސާރަ ކަމަށް މާލީ ވަޒީރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން ޗެނަލް 13 އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މިނިސްޓަރ މުނައްވަރު ވިދާޅުވީ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްޓަކައި ކަމާއިބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް، ގޮތްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ސިވިލް ސަރވިސް ކޮމިޝަނާއި، ޕޭ ކޮމިޝަނަރުގެ މެންބަރުންނާއި މަޝްވަރާކޮށް އަންނަ މަހުން ފެށިގެން މުސާރަ ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަންނަ މަހު ސިވިލް ސަރވިސް މުވައްޒަފުންނަށް ލިބިގެންދާނީ ބޮޑުކުރި މުސާރަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުކުރުމަށްޓަކައި މިއަހަރުގެ ބަޖެޓްގައި ވެސް 234 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ސަރުކާރަށް ހަތަރު އަހަރުން ފުރުން ފާހަގަކުރުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ސިވިލް ސާވިސްގެ ކޮންމެ ތިން މުވައްޒަފެއްގެ ތެރެއިން ދެ މުވައްޒަފެއްގެ މުސާރަ މި އަހަރުގެ ކުރީކޮޅުން ފެށިގެން ބޮޑުވެގެންދާނެ ކަމަށް ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެންމެ ދަށް ގިންތިތަކުގައި ތިބި މުވައްޒަފުންގެ މުސާރަ ވެސް 100 އަކުން 37 އިންސައްތަ ބޮޑުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑު ކުރުމަށް ނިންމާފައިވާއިރު، ސަރުކާރުގެ މުވައްޒަފުނަށް ދޫކުރާ 1،000 ފުލެޓަށް ކުރިމަތިލި ފަރާތްތަކުގެ ފޯމްތައް އެއްކުރުމުގެ މަސައްކަތް ވެސް ހައުސިންގ މިނިސްޓްރީން ވަނީ ފަށާފައެވެ. އަދި މިފްލެޓްތައް ލިބުނު ފަރާތްތައް މާޗް މަހުގެ ތެރޭގައި އިއުލާނު ކުރެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.



 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...