ރައީސް ޔާމީނަކީ ހަމަހަމަކަން ކަށަވަރުކޮށްދޭ ވެރިއެއް- ޢަބްދުއްރަހީމު

ޕީޕީއެމްގެ ނައިބު ރައީސް ޢަބްދުއްރަޙީމު ޢަބްދުﷲ -

ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީނު ޢަބްދުލް ޤައްޔޫމަކީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވި ހަމައެކަނި ރައީސް ކަމަށް، ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޗެނަލް 13 އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޢަބްދުއްރަހީމު ވިދާޅުވީ، އަންގާރަ ދުވަހަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ލިޔެވި އެކަން ފާހަގަކުރަން ޖެހޭ ދުވަހެއް ކަމަށެވެ. ޒަމާނުއްސުރެ މާލެއާއި ރާއްޖޭގެ އެހެން ރަށްރަށާ ކަރަންޓާއި ފެނުގެ ޚިދުމަތުގެ އަގު ތަފާތުކޮށްފަ އޮތް އޮތުން ނިމުމަކަށް ގެނައިކަން އަންގާރަ ދުވަހު ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އިއުލާންކޮށް ސަރުކާރުން ކަރަންޓަށް ގެނައި ބަދަލުވަނީ ހާމަކޮށްފައެވެ.

ޢަބްދުއްރަހީމު ވިދާޅުވީ މާލެއާއި އަތޮޅުތައް އެއް ހަމައަކުން ބިލު ކުރުމަކީ ރައީސް ޔާމިނު ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަން ޔަޤީން ކުރާ ކަމަށެވެ. އަދި މިފަދަ ޚިދުމަތްތައް ތަޢާރަަފުކޮށް ރައްޔިތުން ކުރަމުންދާ ޚަރަދު ކުޑަ ކުޑަކޮށް އަރަނިވެރި ދިރިއުޅުމެއް ދިވެހިންނަށް ޔަޤީންކޮށްދޭތަން ފެނުމުން އިދިކޮޅު ފަރާތްތަކަށާއި، އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މިކަންކަން ހަޖަމުނުވާ ކަމަށް ޢަބްދުއްރަހީމު ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވަލައިގެން ޙަޤީގަތާއި ޚިލާފު ތަފާތު މަންޒަރުތައް ދައްކަން މަސައްކަތް ކުރަމުން ދަނީ އިތުރު އެހެން ގޮތެއް ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށާއި އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝިދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޢަބްދުއްރަހީމު ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް އެއް ކެންޑިޑޭޓަކު ނެރެވޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. ޤާނޫނު އަސާސީ އިސްލާހުކޮށް ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތް ކުރައްވާނޭ ކަމަށް ކުރީގެ ރައީސް ނަޝިދު ވިދާޅުވެފައިވަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށާއި، ކޯލިޝަން ވެރިކަމެއް ރާއްޖޭގައި ނުކުރެވޭނޭ ކަމަށް ނަޝީދު އަމިއްލަފުޅަށް އިއުލާނު ކޮށްފައި ވާނެ ކަމަށް ވެސް ޢަބްދުއްރަހީމު ވިދާޅުވިއެވެ.

އަދި އދ. އަކީ ރާއްޖޭގެ ދާޚިލީ ކަންކަމާއި ބެހޭނޭ ބައެއް ނޫން ކަމަށާއި، ދިވެހިންގެ ދާޚިލީ ކަންކަން ނިންމާނީ ދިވެހިންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ދަށުން ނަޝީދަށް އިންތިހާބުގައި ވާދަނުކުރެއްވޭނޭ ކަމަށްވެސް އަބްދުއްރހީމު ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުނު ނަމަވެސް ރައީސް ޔާމީނު ބަލި ނުކުރެވޭނޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...