މައުމޫނުގެ ސަރުކާރަށްވުރެ، ރައީސް ޔާމީނުގެ ސަރުކާރު ރަނގަޅު: ނަޝީދު

ކޯލިޝަނުން ވެރިކަމަށް އައިސްފިނަމަ އެންމެ ފުރަތަމަވެސް ގާނޫނު އަސާސީ ބަދަލުކުރާނެ ކަމަށް ވިދާޅުވެ، ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޒާރު ދެއްވައިފިއެވެ. 

ކްރިމިނަލް ކޯޓްގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ވަގަން ނަގާ ރަހީނު ކުރި މައްސަލަ ސާބިތުވެ، ތޭރަ އަހަރަށް ޖަލަށް ލުމުން ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ، ރާއްޖެއިން ބޭރަށް ވަޑައިގެން ފިއްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮލަމްބޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ސަރުކާރު ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާ ނުލައްވާނެކަމަށް ވިދާޅުވެފައެވެ.

ކޮޅުބުނގައި ހުންނަވައިގެން ލަންކާގެ މީޑިއާ ތަކަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވަނީ ރައީސް ޔާމީނުގެ ސަރުކާރަށް ތަފާތު އިންޒާރުތައް ދެއްވާފައެވެ. އެގޮތުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބްގައި ވާދަކުރުމުގެ ފުރުސަތު ނުދީފިނަމަ، ރައީސް ޔާމީނަށް އިންތިޚާބު ބޭއްވުމުގެ ފުރުސަތު ނުދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ.


އަދި ރިޔާސީ އިންތިޚާބުގައި އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބުނަމުން ދިޔަ ނަމަވެސް އެކަމުގައި އަދިވެސް މަޝްވަރާ ކުރަން ޖެހޭ ބައެއް ކަންތައްތައް ހުރިކަން ނަޝީދު ފާހަގަ ކުރެއްވިއެވެ. އެގޮތުން އިއްތިހާދަކުން ވެރިކަމަށް އަތުވެއްޖެނަމަ އެ އިއްތިހާދު ދަމަހައްޓާނެ ގާނޫނީ ފަރުވާއެއް އޮނަން ޖެހޭނެ ކަމަށް ވިދާޅުވެ، ފުރަތަމަވެސް ކުރައްވާނެ ކަމަކީ ގާނޫނު އަސާސީ ބަދަލުކުރުންކަމަށް ވިދާޅުވިއެވެ. 

ނަޝީދު ވިދާޅުވީ އިންތިހާބްގައި ވާދަ ކުރުމާއި، ސިޔާސީ ހައްގުތައް ހޯއްދެވުމަށް އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވާފައިވާނެ ކަމަށާއި އެމައްސަލަ ނިމިގެންދާނީ އޭނާއާއި އެއްކޮޅަށްކަމަށެވެ. 

ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ދިވެހި ރާއްޖޭގެ ޤަނޫނު އަސާސީއިން ރިޔާސީ އިންތިހާބްތަކުގައި ޖަލު ހުކުމް ތަންފީޒް ކުރަމުންދާ، ނުވަތަ ޖިނާއީ މައްސަލައެއްގެ ދައުވާ ސާބިތުވެ ހައްޔަރު ކުރެވިފައިވާ ގައިދީންނަށް ކުރިމަތި ނުލެވޭނެކަމަށް ވަނީ ބުނެފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދުވަނީ ކޯލިޝަން ސަރުކާރެއް ދެމި ނޯނާނެކަމުގެ ވާހަކަތަކެއްވެސް ދައްކާވާފައެވެ. އެ ގޮތުގައި، ކޯލިޝަން ރޫޅިއްޖެ ނަމަ، ސަރުކާރުވެސް ރޫޅޭނެ ކަމަށް ވިދާޅުވެފައިވެއެވެ. ގާނޫނު އަސާސީ ބޭނުންވާ ގޮތަށް ބަދަލުކުރައްވާނެކަމަށް ވިދާޅުވެފައިވާއިރު، މިއީ ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެ ގޮތަށް ފަހިކުރުންކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވަނީ ބުނެފައެވެ.
 

ލަންކާގެ މަދު ނޫސްވެރިންނަކާއެކު ބޭއްވި މި ބައްދަލުވުމުގައި ނަޝީދު ވަނީ ޗައިނާއިން ބިންތައް ފޭރެން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ، ބަހުގެ ހަމަލާތައް ދެއްވާފައެެވެ. ނަޝީދު ވިދާޅުވީ ޗައިނާއިން ރާއްޖޭގެ ބިންތައް އަތުލަމުންދާކަމަށާއި، އެއީ އިންވެސްޓްމަންޓްތަކެއް ނޫންކަމަށެވެ. 

ނަޝީދު ވަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް އިންވެސްޓް ކުރަމުންދާ ދިއުމަކީ ބިން ފޭރުމަށް ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ކުރީގެ ރައީސް މައުމޫނުގެ ވެރިކަމަށްވުރެ، ރައީސް ޔާމީނުގެ ވެރިކަމުގައި ޑިމޮކްރަސީގެ ހާލަތު ރަނގަޅުކަމަށް ނަޝީދު ވަނީ އެއްބަސްވެވަޑައިގަންނަވާފައެވެ. އެގޮތުން ސިޔާސީ ޕާޓީތަކަށް އޮތް ފުރުސަތު ތަނަވަސްވެ، ނޫސްވެރިންނަށްވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިފައިވާކަމަށް ވިދާޅުވިއެވެ. އެއް ކެނޑިޑޭޓަކާއި މެދު މަޝްވަރާ ކުރަމުންދާއިރު، ވެރިކަމަށް ކުރިމަތިލައްވާނެކަމުގެ އިޝާރާތެއްވެސް ނަޝީދު ވަނީ ދެއްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...