ގާނޫނާ ޚިލާފަށް ބަަނގުރަލާއި އޫރުމަސް ގެންގުޅޭ މައްސަލައިގައި ފަން އައިލެންޑު ފާސްކުރަނީ

ގާސިމް އިބްރާހީމް. ފޮޓޯ މިހާރު އޮންލައިން

ގާސިމް އިބްރާހީމްގެ ވިލާ ކުންފުނިން ހިންގަމުންދާ ރޯޔަލް އައިލެންޑް ރިސޯޓްގައި ބޭނުންކުރުމަށް ބޮންޑެޑް ވެއަރހައުސްއިން ދޫކުރި އޫރު މަހާއި، ބަނގުރާފުޅިތަކެއް އެކުންފުނީގެ އެހެން ރިސޯޓުތަކުގައި ބޭނުންކުރަމުންދާ މައްސަލަ ބެލުމަށް ކޯޓު އަމުރެއްގެ ދަށުން ކަސްޓަމާއި ފުލުހުން ފަން އައިލެންޑުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ކުރިމިނަލް ކޯޓުން ފަން އައިލެންޑް ރިސޯޓު ބަލާ ފާސްކުރުމަށް ފުލުހުންނާއި ކަސްޓަމްސް ސާވިސްގެ މައްޗަށް ނެރުނު އަމުރުގައި ބުނެފައިވަނީ ފަން އައިލެންޑް ރިސޯޓައި، އެރިސޯޓާ ގުޅުންހުރި އެންމެހާ ތަންތަން ބަލާ ފާސްކުރުމަށް އަމުރުކޮށްފައެވެ. އަދި ފަން އައިލެންޑުގެ މައްސަލައާއި ގުޅުންހުރި އެންމެހާ ލިޔެކިއުންތަކާއި، ބަނގުރަލާއި އޫރު މަހުގެ ފިޒިކަލް ސްޓޮކާއި، ސްޓޮކް ބަލަހައްޓާ ކޮމްޕިއުޓަރު ސިސްޓަމްތަކާއި ސްޓޯރޭޖް ޑިވައިސްތަކާއި އަދި މިނޫނަސް މިމައްސަލައާއި ގުޅުންހުރި އެންމެހާ ލިޔެކިއުމާ ތަކެތި ބަލާ ފާސްކުރުމަށް ކޯޓު އަމުރުގައިވެއެވެ.

ފަސް ދުވަހުގެ މުއްދަތަށް ކޯޓުން ނެރެފައިވާ މި އަމުރުގައިވާ ގޮތުން އެމުއްދަތުގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބަލާ ފާސްކުރެވޭނެއެވެ. އަދި ބަލާ ފާސްކުރުމުގައި ރޯޔަލް އައިލެންޑް ރިސޯޓާއި ގުޅުންހުރި ތަންތަން ބަލާ ފާސްކުރެވޭނެ ކަމަށް އަމުރުގައިވެއެވެ. މިކަމާ ގުޅިގެން ކަސްޓަމްސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ބޮންޑެޑް ވެއަރ ހައުސްއިން ރޯޔަލް އައިލެންޑް ރިސޯޓްގެ ނަމުގައި ދޫކުރި ބަނގުރާ، ޤަވައިދާ ޚިލާފަށް ވިލާ ކުންފުނީގެ 4 ރިޒޯޓް ކަމަށްވާ ޕެރަޑައިސް އައިލެންޑް ރިސޯޓާއި، ސަން އައިލެންޑް ރިސޯޓާއި، ފަން އައިލެންޑް ރިސޯޓާއި، ހޮލިޑޭ ރިސޯޓަށް ގެންގޮސްފައިވާ ކަމަށް ކަސްޓަމްސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މި 5 ރިސޯޓަށް އަރާ ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

މިގޮތުން ބަލާ ފާސް ކުރެވުނު 4 ރިސޯޓް އޮޕަރޭޓް ކުރަމުން އަންނަ ވިލާ ކުންފުނިން ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް ދައްކަން ޖެހޭ ފައިސާ ޤަވައިދާ އެއްގޮތަށް ނުދައްކާތީ މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން މިއަހަރުގެ މާޗްމަހުގެ 22 ވަނަ ދުވަހުން ފެށިގެން އެރިސޯޓްތަކަށް ކަސްޓަމްސްއިން ޚިދުމަތް ދިނުން މެދުކަނޑާލައި، ބަނގުރާ ދޫކުރުންވެސް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް މިތަންތަނަށް ބަނގުރާ ގެންގޮސްފައިވާކަން ފާހަގަކުރެވިފައިވާކަމަށް ކަސްޓަމްސްގެ ބަޔާނުގައިވެއެވެ. މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބަނގުރަލަކީ ހަމައެކަނި ކަސްޓަމްސްއިން ދޫކުރާ އެއްޗެއް ކަމަށާއި، އެ ތަކެއްޗަކީ ވަކި ތަނަކަށް ގެންދިއުމަށް އިޤުރާރު ކުރުމަށްފަހުގައި ހަމައެކަނި އެތަނެއްގައި ބޭނުން ކުރުމަށް ދޫކުރެވޭ އެއްޗެއް ކަމަށެވެ. އަދި އެނޫން ތަންތަނަށް އެތަކެތި ގެންގޮސް ވިއްކާ ނުވަތަ ބޭނުން ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އަދި މިހާތަނަށް ބެލިބެލުމުންވެސް ގާސިމްގެ މި ހަތަރު ރިސޯޓަށް ގަވާއިދާ ޚިލާފަށް ގިނަ ޢަދަދަކަށް ބަނގުރާ ގެންގޮސް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ކަސްޓަމްސްއިން މައުލޫމާތުދީފައި ވެއެވެ. ދައުލަތަށް ދަރާފައިވާ ގާސިމް އިބްރާހީމްގެ މައްޗަށް އިއްވި ޖަލު ހުކުމާއެކު ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ ގައުމުން ބޭރަށް ވަޑައިގެން ފަހުން ގާސިމްގެ ހިއްސާ އޮންނަ އެއްވެސް ރިސޯޓަކުން ދައުލަތަށް ދައްކަންޖެހޭ ޓީ ޖީއެސްޓީ ނުދައްކާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާއިން ވަނީ ބުނެފައެވެ.

އަދި ގާސިމްގެ ރިސޯޓުތަކާއި މީގެކުރިން ގަނެފައިވާ ރަށްތަކާއި ފަޅުތަކާއި އަދި ވެސް އެނޫން ވިޔަފާރީގެ މުއާމަލާތްތަކާ ގުޅިގެން ދައުލަތަށް ދައްކަންޖެހޭ 200 މިލިއަން ޑޮލަރު ނުދައްކާ އޮތްކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އަދި އޭގެ އިތުރަށް ހުސްވި ހަފްތާގައި ވެސް ވިލާ ގްރޫޕުން މީރާއަށް ދައްކަންޖެހިފައިވާ 75 މިލިއަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓުގައި ވަނީ ދައުވާކޮށްފައެވެ. ވިލާ ކުންފުނީގެ ފަސް ރިސޯޓަކަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގޮސްބަލާ ފާސްކުރަމުންދާ މައްސަލަ ހުއްޓުވުމަށް އެކުންފުނިން މިހާރު ވަނީ ކޯޓަށް ހުށަހަޅާފައެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...