އާސެނަލްގައި 12 އަހަރު ހޭދަކުރުމަށްފަހު ވޮލްކޮޓް އެވަޓަންއާއި ގުޅިއްޖެ

ދިގު މުއްދަތެއް އާސެނަލްގައި ހޭދަކުރުމަށްފަހު ތިއޯ ވޮލްކޮޓް އެވަޓަންއާއި ގުޅިއްޖެއެވެ.

ތިން އަހަރާ ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން އުމުރުން 28 އަހަރުގެ ވޮލްކޮޓް އެވަޓަންއާއި ގުޅިފައިވަނީ 20 މިލިއަން ޕައުންޑުގެ އަގަކަށެވެ.

ވޮލްކޮޓް ވަނީ އާސެނަލްއަށް ކުޅެދިން 396 މެޗުގައި 108 ލަނޑު އެ ޓީމަށް ޖަހާދީފައެވެ. އަދި އާސެނަލްއާއެކު އޭނާ ހޭދަކުރި މުއްދަތުގައި އެ ޓީމާއެކު އޭނާވަނީ ތިން ފަހަރުގެ މަތިން އިނގިރޭސި އެފްއޭ ކަޕްގެ ތަށި ވެސް އުފުލާލާފައެވެ.

މި ހިނގާ ޓްރާންސްފަރ ސީޒަނުގައި އެވަޓަންއިން ވަނީ މިހާތަނަށް 40 މިލިއަނަށް ވުރެ ގިނަ ޕައުންޑް ހޭދަކޮށްފައެވެ. އެގޮތުން 20 މިލިއަން ޕައުންޑުގެ އަގަކަށް އެވަޓަންއިން ވޮލްކޮޓް ގަނެފައިވާއިރު، 21 މިލިއަން ޕައުންޑުގެ އަގަކަށް ތުރުކީގެ ސެންކް ޓޯސުން ވެސް އެ ޓީމަށް ވަނީ ގެނެސްފައެވެ.

އާސެނަލްގައި 12 އަހަރު ހޭދަކުރުމަށްފަހު ވޮލްކޮޓް އެ ޓީމު ދޫކޮށްލާފައިވާއިރު، އާސެނަލްގެ ފްރާންސިސް ކޮކޮލާން ވެސް ވަނީ އެ ޓީމު ދޫކޮށް ސްޕޭނުގެ ވެލެންސިއާއާއި ގުޅިފައެވެ.

މީގެ އިތުރުން ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑުން އާސެނަލްގެ އެންމެ މުހިންމު އެއް ފޯވަޑް އެލެކްސިސް ސަންޗޭޒް ގަތުމާ ގުޅޭގޮތުން ދަނީ މަޝްވަރާ ކުރަމުންނެވެ. އަދި ސަންޗޭޒްގެ ބަދަލުގައި ޔުނައިޓެޑުން ހެންރިކް މިކިތާރިޔަން އާސެނަލްއަށް ދޫކޮށްލާނެ ކަމަށް ޓްރާންސްފަރ މާކެޓް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...