ސްޓޯކް ބަލިކުރުމަށްފަހު ޔުނައިޓެޑުން ސިޓީއާ ދެމެދު އޮތް ފަރަގު 12 ޕޮއިންޓަށް ކުޑަކޮށްފި

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި ސްޓޯކް ސިޓީ ބަލިކުރުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑުން ސިޓީއާ ދެމެދު އޮތް ފަރަގު 12 ޕޮއިންޓަށް ކުޑަކޮށްފިއެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަމަ ގޯލު މެޗުގެ ނުވަ ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ވެލެންސިއާއެވެ.

ފުރަތަމަ ލަނޑު ކާމިޔާބު ކުރުމުގައި ޕޮގްބާ މުހިންމު ރޯލެއް އަދާކޮށްފައިވާއިރު، އެ ޓިމުގެ ދެވަނަ ލަނޑަކީ ވެސް ޕޮގްބާ ދިން ޕާހަކުން ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގެ 38 ވަނަ މިނެޓުގައި ޕޮގްބާ ދިން ޕާހަކުން ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނީ އެންތަނީ މާސިއާލްއެވެ.

ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ސްޓޯކް ސިޓީއަށް ވެސް ވަނީ ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެގޮތުން ޔުނައިޓެޑުގެ ގޯލަށް އަމާޒުކޮށް ސްޓޯކްގެ ޝަކީރީ ފޮނުވާލި ނުރައްކާތެރި ހަމަލާގެ ހުރަހަކަށްވީ ޔުނައިޓެޑުގެ ގޯލްކީޕަރު ޑެ ހޭއާއެވެ.

ޔުނައިޓެޑުގެ ތިންވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ފޯވަޑް ރޮމެލޫ ލުކާކޫއެވެ. ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި ޔުނައިޓެޑުގެ ގޯލަށް ސްޓޯކް ސިޓީގެ ފަރާތުން މާ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެއް ނުވެއެވެ.

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޔުނައިޓެޑު އޮތީ ތާވަލުގެ ދެވަނައިގައި 50 ޕޮއިންޓް ލިބިގެންނެވެ. ތާވަލުގެ އެއްވަނައިގައި 62 ޕޮއިންޓް ލިބިގެން މެންޗެސްޓަރ ސިޓީ އޮތް އިރު، އެ ޓީމު އެންމެ ފަހުން ލިވަޕޫލް އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން، ސިޓީ އާއި ޔުނައިޓެޑާ ދެމެދު އޮތް ފަރަގު ވަނީ 12 ޕޮއިންޓަށް ކުޑަވެފައެވެ.

ޔުނައިޓެޑުގެ ފަހަތުން ތާވަލުގެ ތިންވަނައިގައި ލިވަޕޫލް އަދި ހަތަރުވަނައިގައި އޮތް ޗެލްސީއަށް ލިބިފައިވަނީ 47 ޕޮއިންޓެވެ. ލިވަޕޫލްއަށް ތިންވަނަ ލިބެނީ ޗެލްސީއަށް ވުރެ ފައިދާ ގޯލު އިތުރުވުމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...