ތެލެސީމިއާ ކުދިންގެ އިތުރު ޓެސްޓްތައް ހެދުމުގެ އިންތިޒާމް އައިޖީއެމްއެޗްގައި ތަޢާރަފް ކުރަނީ

ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ރާއްޖެއިން ބޭރަށް ފޮނުވާ ކުދިންނަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާޔުގައި ވާހަކަދައްކަވަނީ: ފޮޓޯ ޗެނަލް13

އައިޖީއެމްއެޗްގައި މިހާރު ހުރި އެމްއާރުއައި މެޝިން ބޭނުންކޮށްގެން ތެލަސީމިއާ ކުދިންނަށް އިތުރު ޓެސްޓްތައް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ސިއްޙަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ރާއްޖެއިން ބޭރަށް ފޮނުވާ ކުދިންނަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ ރާއްޖޭގެ ސިއްޙީ ނިޒާމް މިހާރަށް ވުރެ ހަރުދަނާކޮށް، އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ދުނިޔޭގައި ސިއްޙީ ކަންކަން އެންމެ ރަނގަޅަށް ކުރަނީ ކޮން ޤައުމުތަކެއްގައިތޯ ބަލާ، ދިރަސާ ކުރަމުންދާ ކަމަށެވެ.

އެގޮތުން ސިއްޙީ ކަންކަމުގައި ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ އެއް ޤައުމު ކަމަށްވާ ސައިޕްރަސް އާއި ގުޅުން ބަދަހިކޮށް، ދެގައުމުގެ ދެމެދުގައި ވެފައިވާ އެމްއޯޔޫއެއްގެ ދަށުން މިކަން ހަރުދަނާ ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 


މިނިސްޓަރ ވިދާޅުވީ މޯލްޑިވިއަން ބްލަޑް ސަރވިސް އާއި އައިޖީއެމްއެޗް ހިމެނޭ ގޮތަށް ފަސް ބޭފުޅުންގެ ޓީމެއް ވޭތުވެދިޔަ އަހަރުގެ ފަހުކޮޅުގައި ސައިޕްރަސްއަށް ގޮސް، 10 ދުވަހުގެ ތަމްރީންތަކެއް ހަދުމަށްފަހު ސިއްޚީ ދާއިރާ ކުރިއެރުވުމަށް ރާއްޖޭގައި ކުރެވެން ހުރީ އިތުރު ކޮން ކަންތައްތަކެއްތޯ ދެނެގަނެވިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ރާއްޖެއަށް ސައިޕްރަސްގެ ޓީމެއް ވަޑައިގެން، ސިއްޙީ ކަން ކަމަށް، އެބޭފުޅުންގެ ލަފަޔާ އިރުޝާދު ހޯދުމަށް ތާވަލް ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ރާވަން ހަމަޖެހިފައިވާ އެއް ކަމަކީ އައިޖީއެމްއެޗްގެ އެމްއާރުއައި މެޝިނަށް ސޮފްޓްވެއަރ އިތުރުކޮށް، އެ ސޮފްޓްވެއާގެ އެހީގައި ތެލެސީމިއާ ކުދިންގެ އިތުރު ޓެސްޓްތައް ހެދުމުގެ ފުރުސަތު ތަޢާރަފް ކުރުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރ ވިދާޅުވީ ތެލެސީމިއާ ފަދަ ބަލިތަކަށް ހައްލު ހޯދުމުގައި ވިސްނަންޖެހޭ އެންމެ މުހިއްމު ކަމަކީ މުޅި މުޖުތަމަޢު އެކަމަށް ހޭލުންތެރި ކުރުން ކަމަށާއި، ބެލެނިވެރިއެއްގެ ހައިސިއްޔަތުން އެމީހެއްގެ ޒިންމާ އަދާކުރުންވެސް މުހިއްމު ކަމަށެވެ.

ހަމައެކަނި މޯލްޑިވިއަން ބްލަޑް ސާރވިސްގައި މިއަދު ރަޖިސްޓްރީ ކޮށްފައި ތިބި ކުދިންގެ އަދަދަށް ބެލި ނަމަވެސް ހަފްތާއެއްގެ މައްޗަށް ގާތްގަނޑަކަށް 150 ޕޮއިންޓްގެ ލޭ ބޭނުންވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި، ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމަކީ އުފަލެއްގެ ގޮތުގައި ހެދުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.

ނާތަހުޒީބީ ވިސްނުން ގެންގުޅެމުންދާ އިދިކޮޅު ފަރާތްތަކުން ޤައުމު ހަލަބޮލި ކުރުމަށް ކުރަމުންދާ މަސައްކަތް ތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ، ހަމަނުޖެހުން އުފެއްދުމާއި ޤައުމުގައި ހަލަބޮލިކަން އެފެއްދުމުގެ ތެރެއިން ތަރައްޤީ އާއި ތަހުޒީބު އުފަންވެގެން އަންނާނެ ކަމަށް ބަޔަކު މީހުން ދެކުނު ނަމަވެސް އެޒަމާން މާޒީވެފައިވާ ކަމަށެވެ.

އޭގެ ބަދަލުގައި މިއަދު ދިވެހި ރައްޔިތުން ޤަބޫލުކުރަނީ ހަމަޖެހުމާ އުފާވެރިކަން އަންނަނީ މުޅި މުޖުތަމަޢުގައި އެންމެން ބައިވެރިވެ ގުޅުން ބަދަހިކޮށް، ސުލްހަ މަސަލަސް ކަމަށް ލޯބިކޮށްގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ހެޔޮ ބަދަލުތަކުގެ އަސްލަކީ ރައީސް ޔާމީންގެ ހެޔޮ ވިސްނުންފުޅާއި އޯގާތެރިކަން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.



މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
"ޖެނެރަލް މުސްތަފާ"
Loading...