ޢަރަބި މާއްދާ ކިޔަވައިދޭނެ އިތުރު 18 ޓީޗަރުން ސައުދީ ސަރުކާރުން ރާއްޖެއަށް ފޮނުވައިފި

އެޑިއުކޭޝަން މިނިސްޓަރ ޑރ. އާޢިޝަތު ޝިހާމު މުދައްރިސުންނާއި ބައްދަލުކުރައްވަނީ / ޗެނަލް13

ރާއްޖޭގެ ސްކޫލުތަކުގައި ޢަރަބި ބަސް ކިޔަވައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުވެސް ސައޫދީ ސަރުކާރުން 18 ޓީޗަރުން ފޮނުވައިފިއެވެ.


ސައުދީ ސަރުކާރުން މި އަހަރު ފޮނުވި ޢަރަބި މުދައްރިސުންނާއި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވަނީ ހޯމަ ދުވަހުގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުޤައްޔޫމްގެ ސަރުކާރުން ދިވެހި ދަރިވަރުންނަށް ޢަރަބި ބަސް އުނގަންނައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގެ 65 ސުކޫލެއްގައި މިހާރު ޢަރަބި ބަސް ކިޔަވުން ދާ ކަމަށާއި މިގޮތުން 10،000 ށް ވުރެ ގިނަ ދަރިވަރުން އަރަބި ބަސް އުނގެނެމުން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރައީސް ޔާމީން ސައުދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ، ސައުދީ ސަރުކާރުން ރާއްޖެއަށްދެއްވާ އެހީ އިތުރުވެގެން ގޮސްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.


މި ބައްދަލުކުރެއްވުމުގައި ނޫސްވެރިނަށް މައުޢުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ، އިސްލާމީ ތަޢުލީމު އުނގަންނައި ދިނުމަށް ކުރަމުންދާ މަސައްކަތަށް ވޭތުވެދިޔަ ހަތަރު އަހަރު ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި، ރާއްޖޭގެ ހުރިހާ ސުކޫލެއްގައިވެސް ޤުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހަމަޖައްސާ ގްރޭޑް އެކަކުން ހަތަކާއި ހަމައަށް އިސްލާމް ކިޔަވައިދޭނެ ޓީޗަރުން ހަމަޖައްސާފައިވާނެ ކަމަށެވެ. މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިޙާ ސުކޫލެއްގައި ޢަރަބި މާއްދާ ކިޔަވައި ދޭން ފެށުން ކަމަށާއި، ރާއްޖޭގައި ޤާއިމްކޮށްފައިވާ ޢަރަބި މީޑިއަމަށް ކިޔަވަދޭ ދެ ސްކޫލުގައިވެސް މިއަހަރު ޙާއްސަ މުދައްރިސުން މަސައްކަތް ކުރައްވާނެ ކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.


ދިވެހި ސަރުކާރުން ފެއްޓެވި މި މަސައްކަތަށް އިސްލާމީ ދުނިޔޭގެ ގިނަ ޤައުމުތަކުން ތާއީދުކޮށް މިކަމުގައި ބައިވެރިވެ، އެހީތެރިކަން ދެއްވަމުންގެންދަވާކަން ފަހަގަކުރައްވާ ނަޒީރު ވަނީ އެޤައުމުތަކަށް ޝުކުރު އަދާކުރައްވާފައެވެ. މިވަގުތު ރާއްޖޭގައި ސައުދީ ސަރުކާރުން ފޮނުވަފައިވާ 36 ޓީޗަރުން މަސައްކަތް ކުރައްވަމުންދަކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...