އިޒްރޭލްގެ ބޮޑުވަޒީރު އިންޑިއާއަށް ވަޑައިގެންފި

ނަތަންޔާހޫ އިންޑިއާއަށް ވަޑައިގަތުމުން ދިއްލީ އެއާޕޯޓުން ނަތަންޔާހޫއަށް މަރުހަބާ ދެންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ. ފޮޓޯ/ ރޮއިޓަރސް

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ 6 ދުވަހުގެ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ވަޑައިގެންފިއެވެ.

ނަތަންޔާހޫއަށް ދިއްލީގެ އެއާޕޯޓުން މަރުހަބާ ދެންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ. މިއީ 1992 ވަނަ އަހަރުގައި އިންޑިއާއާއި އިޒްރޭލާއި ދެމެދު ސިޔާސީ ގުޅުން ޤާއިމް ކުރި ފަހުން އިޒްރޭލްގެ ބޮޑު ވަޒީރަކު އިންޑިއާއަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ. އަދި މިއީ ނަތަންޔާހޫ ދެކުނު އޭޝިއާގެ ޤައުމަކަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

ނަތަންޔާހޫގެ ދަތުރުފުޅާއި ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަހަރު އިންޑިއާއާއި އިޒްރޭލާއި ދެމެދު ސިޔާސީ ގުޅުން ޤާއިމް ކުރިތާ 25 އަހަރު ފުރޭއިރު، މިއީ އިޒްރޭލްގެ ބޮޑުވަޒީރު އެޤައުމަށް ވަޑައިގަންނަވަން އެންމެ މުނާސަބު ވަގުތު ކަމަށެވެ.

ނަތަންޔާހޫ އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެޤައުމާއި އެކީގައި ދަނޑުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރިއާއި ޑިފެންސް އަދި ސެކިއުރިޓީގެ ދާއިރާއިން ގުޅުން ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަތަންޔާހޫ އިންޑިއާއަށް ވަޑައިގެންފައިވާއިރު، މީގެ 6 މަސް ކުރިން ނަރެންދްރަ މޯދީ ވަނީ އިޒްރޭލަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...