އަހަދު ތަމީމީ މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާ ކޮށްފި

ނަބީ ޞޯލިހް، ހުޅަނގު އައްސޭރި- ފަލަސްތީނުގެ ޒުވާނުންގެ ހައްޤުތައް ހޯދައިދީ، ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތު ކުރަމުން އަންނަ އުމުރުން 16 އަހަރުގެ އަހަދު ތަމީމީ ޖަލުން މިނިވަން ކުރުމަށް ގޮވާލާ ގިނަ ބަޔަކު މުޒާހަރާ ކޮށްފިއެވެ.

ހުޅަނގު އައްސޭރީގެ ނަބީ ސޯލިހް އަވަށަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ އަހަދު ތަމީމީ އަކީ، ފަލަސްތީނުގެ ޒުވާން ޖީލުގައި ހިމެނޭ އެންމެ ހިތްވަރުގަދަ އަދި ކެރޭ އަންހެން ކުއްޖާ ކަމަށް ގިނަ ބަޔަކު ޤަބޫލް ކުރެއެވެ. އަހަދު ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ފަލަސްތީނުގެ މިނިވަން ކަމަށް ވަކާލާތު ކޮށްފައެވެ. އަދި މީގެ ކުރިން އިޒްރޭލްގެ އަސްކަރިއްޔާއާއިވެސް އެކި ފަހަރުމަތިން އަހަދު ވަނީ ކުރިމަތިލާފައެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 19 ވަނަ ދުވަހު އަހަދު ތަމީމީ ހައްޔަރުކޮށްފައިވަނީ، އިޒްރޭލްގެ ސިފައިންގެ މީހެއްގެ މޫނުގައި އޭނާ ޖަހާ މަންޒަރު ފެންނަ ވީޑިޔޯއެއް ވައިރަލްވެފައި ވަނިކޮށެވެ. އަހަދު ހައްޔަރުކޮށްފައިވާއިރު، އިޒްރޭލްގެ ސިފައިން ވަނީ އަހަދުގެ ދެބެންގެ ދަރި ކޮއްކޮ މުހައްމަދަށް ބަޑިން ހަމަލާވެސް ދީފައެވެ. މިހަަމަލާ އާއި ގުޅިގެން މުހައްމަދަށް 72 ގަޑިއިރު ވަންދެން ކޯމާގައި އޮންނަން ޖެހުނެވެ. 

އަހަދުގެ މައްޗަށް 12 ދައުވާއެއް އުފުލާފައިވެއެވެ. މިދައުވާތައް ސާބިތު ވެއްޖެ ނަމަ އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އިޒްރޭލްގެ އަސްކަރިއްޔާއިން ވަނީ އަހަދުގެ މަންނަ ނަރީމަން އާއި، ދެބެންގެ ދަރި ބޭބެ، ނޫރުވެސް ހައްޔަރުކޮށްފައެވެ.

ހޮނިހިރު ދުވަހު ފަލަސްތީނުގެ ގިނަ އަދަދެެއްގެ ބަޔަކު ވަނީ ނަބީ ސޯލިހު އަވަށަށް އެއްވެ އަހަދުއާއި އޭނާގެ އާއިލާގެ މެމްބަރުން މިނިވަން ކުރުމަށް ގޮވާލާފައެވެ. އިޒްރޭލްގެ ސަލާމަތީ ބާރުތަކުން ވަނީ މި މުޒާހަރާގައި ބައިވެރިވި މީހުންނާއި ދެކޮޅަސް ޓިއަރ ގޭސް ބޭނުން ކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...