2017 ވަނަ އަހަރު އޭޑީއެފްގެ ގޮތުގައި 329.9 މިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ

ރާއްޖެއިން ބޭރަށް ފުރާ މީހުންގެ އަތުން ނަގަމުންދާ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) ގެ ގޮތުގައި މިދިޔަ އަހަރު 329.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ރާއްޖޭން ބޭރަށް ފުރާ މީހުންގެ އަތުން ނަގަމުން އަންނަ ފީއެކެވެ. މިދިޔަ މެއި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އޭޑީއެފްގެ ގޮތުގައި ދައުލަތަށް 329.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޑިސެމްބަރު މަހު އެކަނި އޭޑީއެފްގެ ގޮތުގައި ދައުލަތަށް 52.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އޭޑީއެފްއަކީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށާއި އެއާޕޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ 800 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުއަކަށް ނަގާފައިވާ ލޯނު ދައްކައި ޚަލާސް ކުރުމަށްޓަކައި ނަގާ ފީއެކެވެ.

އޭޑީއެފްގެ ގޮތުގައި ނަގަން ނިންމާފައިވަނީ ރާއްޖޭން ބޭރަށް ފުރާ ބިދޭސީންގެ އަތުން 25 ޑޮލަރު އަދި ދިވެހިންގެ އަތުން 12 ޑޮލަރުގެ މަގުންނެވެ. ނަމަވެސް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި އުމުރުން ދެ އަހަރު ނުފުރޭ ކުޑަކުދިން މި ޓެކްސް ނެގުމުން އިސްތިސްނާ ވެގެންވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...