ޒައިނަބްގެ މަރާގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި އޭނާގެ ތިމާގެ މީހުންވެސް ހިމެނޭ

ޒައިނަަބަށް އިންސާފް ހޯދައިދިނުމަށް އެދި މުޒާހަރާ ކުރަނީ. ފޮޓޯ/ ޓްވިޓަރ

ޒައިނަބް އަންސާރީގެ މަރާއި ގުޅިގެން ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންގެ ތެރެއިން 2 މީހުންނަކީ ޒައިނަބްގެ ތިމާގެ މީހުން ކަމަށް ޕާކިސްތާންގެ ފުލުހުން ހާމަކޮށްފިއެވެ.

ޕާކިސްތާނުގެ ކަސޫރު ސިޓީގައި އުމުރުން 7 އަހަރުގެ ޒައިނަބް އަންސާރީ ރޭޕް ކޮށް މަރާލި މައްސަލައާއި ގުޅިގެން އެތައް ބަޔަކު ހިތާމައާއި ރުޅިވެރިކަން ފާޅު ކުރަމުން އަންނައިރު، ފުލުހުން އަންނަނީ މިކަމުގައި ޝާމިލްވާ ފަރާތްތައް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 8 މީހުން ހައްޔަރުކޮށްފައިވާއިރު އެމީހުންގެ ތެރޭގައި ޒައިނަބްގެ ތިމާގެ މީހުންވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ފުލުހުން ބުނީ ޒައިނަބްގެ ހަށިގަނޑުން ފެނުނު ޑީއެންއޭއާއި މީގެ ކުރިން ރޭޕް ކުރުމަށްފަހު މަރާލާފައި އޮއްވާ ފެނުނު ބައެއް އަންހެން ކުދިންގެ ހަށިގަނޑުން ފެނުނު ޑީއެންއޭއާއި ދިމާވާ ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 5 ކުދިންގެ ހަށިގަނޑުން ފެނުނު ޑީއެންއާއި ދިމާވާ ކަމަށް ފުލުހުން ހާމަކުރެއެވެ. އެހެންކަމުން ޒައިނަބް އެތައް ފަހަރަކު ރޭޕް ކުރުމަށްފަހު މަރާލާފައިވަނީ މީގެ ކުރިންވެސް އެފަދަ ޖަރީމާތައް ހިންގާފައިވާ މީހެއް ކަމަށް ތަހްގީގަށް މިވަނީ ހާމަވެފައެވެ.

ކަސޫރް ޑިސްޓްރިކްޓްގެ ފުލުހުން ވަނީ ޒައިނަބް މަރާލި މީހާގެ އާ ސީސީޓީވީ ފުޓޭޖްއެއްވެސް އާއްމުކޮށްފައެވެ. މި ފުޓޭޖުން ފެންނަނީ އެމީހާ ޒައިނަބް އުޅުނު ގޭގެ ކައިރީގައި ހިނގާ މަންޒަރެވެ. އެ ފުޓޭޖުން އެމީހާގެ ސިފަ ވަރަށް ބޮޑަށް ހާމަވާ ކަމަށާއި، އޭނާ އަތުލައިގަންނަން ފަސޭހަވާނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ޒައިނަބްގެ މަރާއި ގުޅިގެން އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައިވެސް ހިތާމަ ފާޅު ކުރަމުންނެވެ. އެގޮތުން ޖަސްޓިސް ފޮރ ޒައިނަބް ހޭޝްޓެގް ބޭނުންކޮށްގެން ގިނަ ބަޔަކު ޝުއޫރު ފާޅު ކުރަމުން އަންނައިރު، ޕާކިސްތާނުގައި މީގެ ކުރިންވެސް ކުޑަ ކުދިންނަށް ޖިންސީ އަނިޔާ ކުރުމާއި، ރޭޕް ކުރުމަށްފަހު މަރާލުމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެގޮތުން 2017 ވަނަ އަހަރު އެކަނިވެސް މިފަދަ 12 މައްސަލައެއް ފެންމަތިވެފައިވާއިރު، ރޭޕްގެ ޝިކާރައަކަށްވި ކުދިންގެ ތެރޭގައި އުމުރުން 4 އަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނެއެވެ.

މީގެ އިތުރުން ކަސޫރް ސިޓީގައި 2015 ވަނަ އަހަރުގައި 100އަށްވުރެ ގިނަ ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ކުރިމަތިވެފައި ވެއެވެ. މިމައްސަލައިގައި ޝާމިލްވި ފަރާތްތައް ހައްޔަރު ކުރުމަށްފަހުގައި ފަހުން ވަނީ ދޫކޮށްލާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...