ކުރީގެ ސަރުކާރުތަކުން އަންހެނުން ކުރާ މަސައްކަތުގެ އަގު ގައުމީ ފެންވަރެއްގައި ފާހަގަ ކުރައްވާފައި ނުވޭ: ޒީނާޒު

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީގެ ސީއީއޯ ޒީނާޒްއަދުނާން- ފޮޮޓޯ: ޗެނަލް 13

އަންހެނުންނަކީ ގައުމުގެ ތަރައްގީގައި ބޮޑުބައެއް ހިއްސާ ކުރާ ބަޔަކަށް ވީރު މީގެ ކުރިގެ އެއްވެސް ސަރުކާރަކުން އަންހެނުންކުރާ މަސައްކަތުގެ އަގުވަޒަންކުރައްވާފައި ނުވާކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީގެ ސީއީއޯ ޒީނާޒް އަދުނާން ވިދާޅުވެއްޖެއެވެ. ޒީނާޒް މިފަދައިން ވިދާޅުވީ ޗެނަލް 13 ގެ ތޭރަގަޑި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. 


މި އަހަރު ދިނުމަށް ހަމަޖެހިފައިވާ ރެހެންދީ އެވޯޑާއި ގުޅޭގޮތުން މިޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖެންޑަރމިނިސްޓްރީގެ ސީއީއޯ ޒީނާޒް ވިދާޅުވީ މާޒީއަށް ބަލާލާއިރުވެސް އަންހެނުންނަކީ ގައުމުގެ ތަރައްގީގައި ވަރަށްބޮޑު ހިއްސާއެއް އަދާކޮށްފައިވާ ބައެއްކަމަށެވެ. އެގޮތުން އެކިފެންވަރުގައި މަސައްކަތްތައް ކުރައްވާ ގިނަ ކަނބަލުން ރާއްޖޭގައި އުޅޭއިރު މީގެ ކުރިން މިފަދަގޮތަކަށް ކަނބަލުންނަށް ޚާއްސަކުރައްވައިގެން އެކަނބަލުން ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރައްވާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲޔާމީން އަބްދުލް ގައްޔޫމް ވެރިކަމަށް ވަޑައިގަތީ އަންހެނުންނަށް ޚާއްސަ މެނިފެސްޓޯއަކާއި އެކުކަމަށާއި އެމެނިފެސްޓޯގައި އަންހެނުން ބާރުވެރިކުރުވުމާއި އަންހެނުންގެ ހައްގުތައް ހޯއްދަވައި ދެއްވުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ޒީނާޒް ވިދާޅުވިއެވެ.


އެގޮތުން އަންހެނުން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމަށްޓަކައި 2014 ވަނައަހަރުން ފެށިގެން ރެހެންދީ އެވޯޑް ދެމުން އަންނައިރު މިއަހަރުގެ ރެހެންދީ އެވޯޑްގައި މީގެ ކުރިން ހިމެނިފައި ނުވާ ދާއިރާއެއްކަމުގައިވާ ވަޒީފާ ދޭފަރަތްތަކުގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމާއި އަންހެނުން ވަޒީފާއގައި ދެމިތިބުމަށް ބާރުއަޅާ އެކަމަށް ހިތްވަރުދިނުމަށް މަސައްކަތް ކުރާ ވަޒީފާ ދޭފަރާތްތައް ހިމަނާފައިވާކަމަށް ޒީނާޒް ވިދާޅުވިއެވެ. 

ރެހެންދީ އެވޯޑަކީ މުޖްތަމައަށާއި ގައުމުގެ ތަރައްގީއަށް ލާބަޔާއި މަންފާ ލިބޭފަދަ އަގުހުރި މަސައްކަތް ކުރާ އަންހެން ކަނބަލުންގެ އަގު ވަޒަންކުރުމުގެ ގޮތުން 2014 ވަނައަހަރުންފެށިގެން ދެމުންއަންނަ ޙާއްސަ އެވޯޑެކެވެ. އަދި މި އެވޯޑް މިހާތަނަށް އަށާރަ ކަނބަލަކު ހާސިލް ކޮށްފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީއިން ބުނެއެވެ. މި އެވޯޑު ދެމުން އަންނަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ކަމުގައިވާ ކޮންމެ އަހަރެއްގެ ވެސް މާޗުމަހުގެ އަށްވަނަދުވަހުކަން ފާހަގަކޮށްލެވެއެވެ.  އެގޮތުން މިއަހަރަކީ މިއެވޯޑްދޭތާ ފަސްވަނައަހަރަށް ވާއިރު މިހާރުވަނީ މިއެވޯޑައް ކުރިމަތިލުމަށް އިއުލާން ކުރައްވާފަ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...