ރައީސް ޔާމީން އަކީ ކެރޭ ލީޑަރެއްކަން މިއަދު ރައްޔިތުން ޤަބޫލު ކުރޭ- މާޒް ސަލީމް

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ސަލީމް.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަކީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެއްވަން ކެރިކުޅަދާނަ ވެގެންވާ ލީޑަރެއްކަން މިއަދު ދިވެހި ރައްޔިތުން ގަބޫލް ކުރާ ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން އއ.މަތިވެރީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ސަލީމް ވިދާޅުވީ ރައްޔިތުން މިއަދު ރައީސް ޔާމީންއަށް ތާއީދު ކުރަނީ އެމަނިކުފާނަކީ، ނުވެ ހުރި ކަންކަން ކޮށްދެއްވަމުން ގެންދަވާ ވެރިއަކަށް ވާތީ ކަމަށެވެ. ރައީސް ޔާމީން ކޮށްދެއްވަމުން އަންނަ ކަންތައްތަކީ މީގެ އެތައް ޒަމާނެއް ކުރިންވެސް ދިވެހިން ބޭނުންވެފައި ތިބި ކަންތައް ކަމަށް ވުމާއެކު، އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅު ދިވެހި ރައްޔިތުން މިއަދު ޤަބޫލް ކުރާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ރައީސް ޔާމީން ވައުދުވެވަޑައިގެންނެވި ކަންތައްތަކުގެ 95 އިންސައްތަ ހާސިލްވެފައިވާ ކަމަށާއި އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ނުލިބި، ތައުލީމީ ނިޒާމްގެ ފެންވަރު ދަށްވުމުގެ އިތުރުން ދިރިއުޅުމުގެ ފެންވަރު ދަށްވެ، ރައްޔިތުންނަށް މިކަންކަން ތަހައްމަލު ކުރަން އުނދަގޫވެގެން ދިއުމުން ކަމަށް ސަލީމް ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ދިވެހިންގެ ބޭންކް ކަމުގައިވާ ބޭންކް އޮފް މޯލްޑިވްސް ބަނގުރޫޓުވެ، ބޭންކް ބަންދު ކުރަން ބޯޑުން ނިންމިކަން ފާހަގަ ކުރައްވާ ސަލީމް ވިދާޅުވީ، މިއީ ނަޝީދަށް ވެރިކަން ކުރަން ނޭނގުމުން ދިވެހިންނަށް ކުރިމަތިލާން ޖެހުނު ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އަހަރަކު 300 މިލިއަން ޑޮލަރު ހަރަދުކުރައްވާ ބެންކް އޮފް މޯލްޑިވްސްގެ ވިއުގަ ފުޅާ ކުރެއްވި ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ދިވެހިންނާއިމެދުގައި އަމަލު ކުރި ގޮތުގެ ވާހަކަ މިއަދު ދައްކަން ޖެހެނީ، ދިވެހިންނަކީ ފަސޭހައިން ހަނދާން ނެތޭ ބައެއް ކަމަށް ވާތީ ކަމަށެވެ. ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ދިވެހިން ދެކެފައިވާ ބައެއް ކަންތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ކުރިން ބައެއް ރަށުގައި ވޯޓު ނެގިއިރު، އޭރުގެ ވެރިމީހާ އާއި ދެކޮޅަށް ވޯޓު ދިން ނަމަވެސް އިންތިޚާބުގެ ނަތީޖާ އިއުލާން ކުރާއިރު އޮންނަނީ 100 ޕަސެންޓް ތާއީދު އެ ވެރިއަކަށް ލިބިފައި ކަމަށެވެ. ސަލީމް ވިދާޅުވީ މިއީ ކޮރަޕްޝަންތޯ ނުވަތަ ވައްކަންތޯ ނިންމާނީ ދިވެހި ރައްޔިތުން ކަމަށެވެ. 

ސަލީމް ވިދާޅުވީ ކުރީގެ 2 ރައީސުން އިސްވެ ހުންނަވައިގެން ކޯލިޝަނެއް އުފައްދަވައިގެން ސަރުކާރާއި ދެކޮޅަށް ނިކުމެފައިވާއިރު މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކެންޑިޑޭޓެއްވެސް ކަނޑައެޅިފައި ނުވާ ކަމަށެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބްގައި ވާދަ ކުރަން ބޭނުންވާ މީހުން ގިނަ ކަމުން އެއް ކެންޑިޑޭޓަކު ކަނޑައެޅުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށްވެސް ސަލީމް ވަނީ ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...