ޒައިނަބްގެ ޤާތިލު މީގެ ކުރިންވެސް ކުޑަ ކުދިން ރޭޕް ކުރުމަށްފަހު މަރާފައިވޭ

ޒައިނަބް އަންސާރީ: އޭނާ ވަގަށް ނަގާފައިވަނީ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު.

ޕާކިސްތާނުގައި އުމުރުން 7 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމަށްފަހު މަރާލި މީހާ އަކީ، އެފަދަ އަމަލުތައް މީގެ ކުރިންވެސް ހިންގާފައިވާ މީހެއް ކަމަށް ފުލުުހުން ކުރި ތަހްގީގުން ހާމަވެއްޖެއެވެ.

ޕާކިސްތާނުގެ ކަސޫރު ސިޓީގައި އުމުރުން 7 އަހަރުގެ ޒައިނަބް އަންސާރީ ވަގަށް ނެގުމަށްފަހު އެކުއްޖާ ރޭޕް ކޮށް، މަރާލުމާއި ގުޅިގެން އެތައް ބަޔަކު ހިތާމަފާޅު ކުރަމުން އަންނައިރު، ކަމާބެހޭ ފަރާތްތަކުން ވަނީ އެޖަރީމާ ހިންގި މީހާ ވީ އެންމެ އަވަހަކަށް ހައްޔަރު ކުރުމަށް އަމުރު ކޮށްފައެވެ. އަދި އޭނާ ހޯދުމުގައި އެހީވާ ފަރާތަކަށް 90،000 ޑޮލަރުގެ އިނާމެއްވެސް ދޭނެކަން ވަނީ އިއުލާން ކޮށްފައެވެ. ކަސޫރު ސިޓީ ނިސްބަތްވާ ޕަންޖާބްގެ ސަރުކާރުން ބުނީ ކުޑަ ކުޑަ ޒައިނަބް މަރާލުމަށްފަހު ކުނިގޮނޑަކަށް އެއްލާލި މީހާ މީގެ ކުރިންވެސް އެފަދަ ޖަރީމާތަކެއް ހިންގާފައިވާ ކަމަށެވެ. މިކަން އެނގެނީ ކުރިން އެމީހާގެ ޝިކާރައަކަށްވި މައުސޫމް އަންހެން ކުދިންގެ ގައިން ފެނުނު ޑީއެންއޭ އާއި ޒައިނަބްގެ ގައިން ފެނުނު ޑީއެންއޭއާއި ދިމާވުމުން ކަމަށް ޕަންޖާބް ސަރުކާރުން ބުނެފައިވެއެވެ.

ޒައިނަބަކީ ކަސޫރު ޑިސްޓްރިކްޓްގައި ރޭޕް ކޮށްފައި މަރާލި 12 ވަނަ ކުއްޖާއެވެ. ފާއިތުވި އަހަރުގެ ތެރޭގައި މިފަދަ 11 މައްސަލައެއް ފެންމަތިވެފައިވެއެވެ.  ކަސޫރުގައި ޖިންސީ އަނިޔާގެ ޝިކާރައަކަށް ހެދުމަށްފަހު ދުނިޔެއިން ވަކިކޮށްލި ކުޑަ ކުދިންގެ ތެރޭގައި އުމުރުން 4 އަހަރާއި 5 އަހަރާއި 6 އަހަރުގެ ކުދިންވެސް ހިމެނެއެވެ. ފުލުހުން މިހާރު ވަނީ ޒައިނަބް ރޭޕް ކުރި މީހާ، އޭނާ ގޮވައިގެން މަގެއްގައި ހިނގާފައިދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއްވެސް އާއްމު ކޮށްފައެވެ. އަދި އަދި އެ ފުޓޭޖުން ފެންނަ މީހާގެ ސްކެޗެއްވެސް ވަނީ އާއްމުކޮށްފައެވެ.

ޒައިނަބް ރޭޕް ކުރުމަށްފަހު މަރާލި މީހާ، އޭނާ ގޮވައިގެން ދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް.

ޕަންޖާބްގެ ސަރުކާރުން ބުނެފައިވަނީ ޒައިނަބަށް އިންސާފް ހޯދައި ދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. ޕަންޖާބްގެ ޗީފް މިނިސްޓަރ ޝެހެބާޒް ޝަރީފް ވިދާޅުވެފައި ވަނީ، ޒައިނަބްގެ ކޭސް ވަރަށް ގާތުން ބައްލަވަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ފުލުހުންގެ ތަހްގީގް ކުރިއަށްދާ ގޮތާއި މެދުގައި ޒައިނަބްގެ އާއިލާއިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ޒައިނަބްގެ އާއިލާއިން ބުނީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށް ފުލުހުން ނުކުޅެދިފައިވާ ކަމަށާއި، ޒައިނަބްގެ ކުރިންވެސް އެތައް ކުދިންނެއް އަނިޔާވެރިންގެ ޝިކާރައަކަށް ވެފައިވާ ކަމަށެވެ.


ޒައިނަބް ރޭޕް ކޮށް މަރާލި މީހާއަށް އަދަބު ދިނުމަށް އޭނާގެ އާއިލާއިން އެދިފައިވާއިރު، އެމައްސަލައިގައި މުޒާހަރާ ކުރި މީހުންގެ ތެރެއިން 2 މީހެއްގެ ގަޔަށް ބަޑި ޖަހާ މަރާލި ފުލުހުންނަށްވެސް އަދަބު ދިނުމަށް އާއިލާއިން ވަނީ އެދިފައެވެ. ޒައިނަބްގެ މަރާ ގުޅިގެން ކަސޫރު ސިޓީގައި މިހާރުވެސް އެތައް ބަޔަކު އަންނަނީ އޭނާއަށް އިންސާފް ހޯދައި ދިނުމަށް އެދި އަޑު އުފުލަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...