ހުޅަނގު އައްސޭރީގައި 1،000 ހައުސިން ޔުނިޓް އަޅަން އިޒްރޭލް ސަރުކާރުން ނިންމައިފި

ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށްޓަކައި ގެދޮރު އިމާރާތް ކުރަމުން އަންނަ ސަރަހައްދެއް

އިޒްރޭލްގެ ޔަހޫދީން ފަލަސްތީނުގައި ހިފާފައިވާ ބިންތަކުގައި ޔަހޫދީންނަށްޓަކައި އިތުރު ގެތައް އެޅުމަށް އިޒްރޭލްގެ ސަރުކާރުން ނިންމައިފިއެވެ. 

ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރޭލްގެ ސަރުކާރުން ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދު ކުރުމަށްޓަކައި އެއްހާސް ހައުސިން ޔުނިޓް އެޅުމުގެ ހުއްދަ ދީފައެވެ. މި ނިންމުމާއި ގުޅިގެން ފަލަސްތީނުގެ ފޮރިން މިނިސްޓަރ ރިޔާދު މާލިކީ ވަނީ އިޒްރޭލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރިޔާދު ވިދާޅުވީ، އިޒްރޭލްގެ ސަރުކާރަށް ޤަވައިދާއި ހިލާފް މިފަދަ ނިންމުންތައް ނިންމަން ކެރެނީ، އެމެރިކާއިން އެކަމަށް އެއްބާރުލުން ދޭތީ ކަމަށެވެ.

އަދި ފަލަސްތީނުގެ ބިމުގައި ބޭނުން ކަމެއް ކުރަން އިޒްރޭލް އެއްވެސް ވަރަކަށް ޖެހިލުން ނުވާ ކަމަށްވެސް ރިޔާދު ވަނީ ވިދާޅުވެފައެވެ. ފަލަސްތީނުގެ ފޮރިން މިނިސްޓަރ އިތުރަށް ވިދާޅުވީ، އިޒްރޭލްގެ މި ނިންމުމަކީ ޤުދުސް އަކީ އިޒްރޭލްގެ ވެރި ރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމުގެ ނަތީޖާ ކަމަށެވެ.

ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އެޅުމަކީ އިޒްރޭލްގެ ސަރުކާރުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް ކުރަމުން އަންނަ ކަމަށެވެ. އިޒްރޭލުން ވަނީ މިހާތަނަށް ހުޅަނގު އައްސޭރީގައާއި، އިރުމަތީ ޤުދުސްގައި ޔަހޫދިންނަށްޓަކައި އެތައް ސަތޭކަ ގެދޮރު އިމާރާތް ކޮށްފައެވެ. އަދި މި ހައުސިން ޔުނިޓްތަކުގައި 6 ލައްކަ މީހުން ވަޒަންވެރިވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...