ރަންބީރް ކަޕޫރާއި ބެހޭ މި ވާހަކަތައް އެނގޭތަ؟

ރަންބީރް ކަޕޫރަކީ ގިނަ އަންހެން ކުދިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ އެކްޓަރެކެވެ.

ރީތި ކަމުގެ އިތުރުން، ރަންބީރްގެ އެކްޓިންވެސް ގިނަ އަންހެން ކުދިންނަށް ކަމުދެއެވެ. ރަންބީރާއި ބެހޭ ގޮތުން އާ ވާހަކައެއް ހޯދަން ބޭނުންވާ މީހުންވެސް މަދެއް ނުވާނެކަން ޔަޤީނެވެ. އެހެންކަމުން، އޭނާއާއި ބެހޭ ބައެއް ވާހަކަތައް ހިއްސާ ކޮށްލާނަމެވެ.

އެކްޓަރު ރިޝީ ކަޕޫރުގެ ދަރިފުޅު ރަންބީރް އެންމެ ފުރަތަމަ ބޮލީވުޑްގައި މަސައްކަތް ކޮށްފައިވަނީ ކެމެރާގެ ފުރަގަހުގައިކަން އެނގޭހެއްޔެވެ؟ ރަންބީރް އެންމެ ފުރަތަމަ މަސައްކަތް ކުރީ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައެވެ. އެއީ ސަންޖޭލީލާ ބަންސާލީގެ ފިލްމު "ބްލެކް"ގައެވެ. ރަންބީރް އެންމެ ފުރަތަމަ ކުޅުނު ފިލްމަކީވެސް ސަންޖޭގެ ފިލްމެއްކަން ފާހަގަ ކޮށްލެވެއެވެ.

ރަންބީރް ނުވަތަ އޭނާގެ ފޭނުން ކިޔާނަމުންނަމަ، އާރްކޭ އަކީ އެހެން އެކްޓަރުން ވާހަކަ ދައްކާ ގޮތައް ވާހަކަ ދެއްކުމުގެ ހުނަރު ލިބިފައިވާ މީހެކެވެ. ރަންބީރްގެ ފުރަތަމަ ފިލްމު ސާވަރިޔާގެ ސެޓްގައި އޭނާ ވަނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ރިތިކް އަދި ޝާހްރުކް އަދި ސަންޖޭ ދަތު ވާހަކަ ދައްކާ ގޮތަށް ވާހަކަ ދެއްކުމަށްފަހު، އެންމެން ހެއްވާލާފައެވެ.

އެނގޭހެއްޔެވެ؟ ރަންބީރް އެންމެ ފުރަތަމަ އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅިފައިވަނީ ގްރޭޑް 7ގައި ކިޔަވަން އުޅުނު އިރުގައެވެ. އެހާ ކުޑައިރު ލޯބީގެ ގޮތުން ގުޅުނު އަންހެން ކުއްޖާއާއި ވަކި ވުމުން ދެން ދުވަހަކުވެސް އެހެން ކުއްޖެއް ދެކެ ލޯބި ނުވެވޭނެ ކަމަށްވެސް ރަންބީރް ހިތަށް އެރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ރަންބީރް ބުނީ އޭނާ އަކީ ވަރަށް "ސެންސިޓިވް" މީހެއް ކަމަށެވެ. އެގޮތުން ވަރަށް ފަސޭހައިން ދެރަވާ ކަމަށާއި، ދެރަވެއްޖެނަމަ ފަސޭހައިން ރޮވޭ ކަމަށްވެސް ރަންބީރް ބުނެފައިވެއެވެ.

މީގެ އިތުރުން ރަންބީރް ކަޕޫރަކީ، ކެންޑީ ކްރަޝް ގޭމް ކުޅެން ދެވި ހިފާފައި ހުރި މީހެއް ކަމަށްވެސް އޭނާ މީގެ ކުރިން ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...