ވެމްކޯ އިން ފަށާފައިވާ ސާވޭގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރައްކާތެރި ގޮތުގައި ކުނި ނަތްތާލުމާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ވެމްކޯ އިން ފަށާފައިވާ ސާރވޭގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ހުޅުވިފައިވާ ކަމަށް ވެމްކޯގެ ހައުސް ހޯލްޑް ކަލެކްޝަންގެ ހެޑް މުހައްމަދު ޝާން ވިދާޅުވެއްޖެއެވެ.


ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ފަށާފައިވާ މަސައްކަތާއި ގުޅޭގޮތުން ޗެނަލް ތާރޓީން އަށް ދެއްވި ޚާއްސަ ބަސްދީ ގަތުމެއްގައި ވެމްކޯގެ ހައުސް ހޯލްޑް ކަލެކްޝަންގެ ހެޑް މުހައްމަދު ޝާން ވިދާޅުވީ ރަނގަޅު ގޮތުގައި ކުނި ނައްތާލުމާ ގުޅޭގޮތުން ވެމްކޯއިން މިދިޔަ ހޮނިހިރު ދުވަހު ފެށި ސާވޭ ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށެވެ.


އަދި މިސާވޭ ކުރިއަށްދާއިރު، ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޝާން ވިދާޅުވިއެވެ. މީގެއިތުރުން މިސާވޭއަކީ ހުރިހާ ރައްޔިތުންނާ ގުޅިފައިވާ ސާވޭއެއް ކަމުން ސުކޫލް ނިންމާފައި ތިބި ކުދިންވެސް މިކަމުގައި ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މި ސާވޭގައި ބައިވެރިވާ ކުދިންނަށް އެކަށީގެންވާ ރަނގަޅު އުޖޫރައެއް ދިނުމަށް ނިންމާފައިވާކަމަށްވެސް ޝާން ވިދާޅުވިއެވެ. މާލެ ސަރަޙައްދަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ސާވޭގައި ކުނީގެ އަދަދާއި ކުނީގެ ބާވަތްތަކުގެ އިތުރުން ރާއްކާތެރި ގޮތުގައި ކުނި ނަތްތާލުމާއި ކުނި އުފެދޭ މިންވަރު ދެނަގަނެވޭނެކަމަށްވެސް ޝާން ވިދާޅުވިއެވެ.


ޝާން ވިދާޅުވީ މިސާވޭގެ ސަބަބުން ގޭބިސީތަކާއި ގަރާޖްތަކުގައި އުފެދޭ ނުރައްކާތެރި ކުނީގެ ބާވަތްތަކާއި ކާބޯތަކެތިން އުފެދޭ ކުންޏާއި އެހެނިހެން ކުނީގެ މިންވަރުވެސް ދެނެގަނެވޭނެ ކަމަށެވެ. އަދި މިސާވޭގެ ސަބަބުން ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޝާން ވިދާޅުވިއެވެ. 


ސާވޭ ކުރިއަށް ދާއިރު، އިތުރު މީހުންތައް ބޭނުންވާ ކަމަށާއި، ސާވޭ ޓީމްތަކުގައި ބޭނުންވާ ވަރަށް މީހުން ނެތުމުގެ ސަބަބުން ބޭނުންވާ ބާރު މިނުގައި ސާވޭ ކުރިއަށްގެންދިއުމުގައި ދަތިތަކެއް ދިމާވަމުންދާކަން ޝާން ފާހަގަކުރެއްވިއެވެ. މާލޭގެ ގޭބިސީތަކުގައި ކުނި އުފެދޭ މިންވަރު ދެނެގަތުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ކުރިއަށް ގެންދާ މިސާވޭގެ މަސައްކަތް ނިމުމުން ވެމްކޯއިން މިހާރު ދެމުންދާ ޚިދުމަތްތައް ހަރުދަނާކުރެވި، މަސައްކަތްތައް ކުރިއަށްގެންދާނެ ރަނގަޅު އުސޫލުތަކެއް ކަނޑައެޅިގެންދާނެއެވެ.


މި ސާވޭ ކުރިއަށް ގެންދަނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00ން މެންދުރުފަހު 1:00ށް، އަދި މެންދުރު ފަހު 3:00ން އިރުއޮއްސި 6:00ށް ކަމަށް ވެމްކޯއިން މަޢުލޫމާތު ދެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...