ނަޝީދުގެ ސަރުކާރުން އއ އަތޮޅާއި މެދު ވަނީ އިހުމާލުވެފައި- މިނިސްޓަރ ސައީދު

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު: ކުރީގެ ސަރުކާރުތަކުން ތަރައްޤީގެ ވާހަކަ ދެއްކި ނަމަވެސް، ތަރައްޤީ ގެނެސްދީފައި ނުވާކަން މިނިސްޓަރ ފާހަގަ ކުރެއްވި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އއ އަތޮޅުން ޒުވާނުން މާލެ ގެންދިޔައީ މުޒާހަރާ ކުރަން ކަމަށާއި، އެ އަތޮޅާއި މެދުގައި އޭރުގެ ސަރުކާރުން އިހުމާލުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އއ މަތިވެރީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ޒުވާނުން ބާރުވެރި ކުރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު އަމަލުކޮށްފައިވަނީ އޭގެ އިދިކޮޅަށް ކަމަށެވެ.  އެގޮތުން ނަޝީދުގެ ސަރުކާރުގައި އއ އަތޮޅުން މާލެއަށް ދޯނިތައް ދަތުރު ކުރީ މުޒާހަރާތަކަށް ޒުވާނުން ގޮވައިގެން ކަމަށެވެ. އެހެންނަމަވެސް، އަދުގެ ސަރުކާރުން އެކަން ބަދަލުކޮށް، ޒުވާނުންނަށް ނަފާކުރުވަނިވި ދިރިއުޅުމެއް ހޯދައިދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ ސައީދު އިތުރަށް ވިދާޅުވީ، ޒުވާނުންގެ އިތުރުން އަންހެނުން ބާރުވެރި ކުރުވުމަށްޓަކައިވެސް ރައީސް ޔާމީންގެ ސަރުކާރުން އިސްކަން ދޭ ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަކީ ރައީސް ޔާމީން އަންހެނުން ބާރުވެރި ކުރުވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ލާމަސީލު މިސާލެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިނިސްޓަރ ސައީދު ވިދާޅުވީ، މިއަދު ޒުވާނުން މަގުތަކަށް ނުނިކުންނަނީ ޤައުމުގައި ކުރާނެ މަސައްކަތްތައް ހުރުމުން ކަމަށެވެ. އަދި އާމްދަނީ ލިބޭނެ ވަސީލަތްތައް ރައީސް ޔާމީން ތަނަވަސް ކޮށްދެއްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި ޤައުމަށް ވެރިން އައްޔަން ކުރަން ޖެހޭނީ މުޒާހަރާ ކުރުމަށް މަގު ދައްކާނެ ބޭފުޅެއްގެ ގޮތުގައި ނޫން ކަމަށެވެ. އއ އަތޮޅާއި އދ އަތޮޅަކީވެސް ތަރައްގީއަށް އެދި ތިބި 2 އަތޮޅުކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ، ރައްޔިތުން ބޭނުންވި ތަރައްގީ ހާސިލް ނުވީ ބައެއް ޕާޓީތަކުގެ ވެރިން އަމިއްލަ ވެރިކަމެއް ހޯދުމަށްޓަކައި އަމިއްލަ މަސްލަހަތު އިސް ކުރުމުން ކަމަށެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ، މީގެ ކުރިން ފެނުނީ ގައުމަށް ތަރައްގީ ބޭނުންވާ ވާހަކަ ދައްކަން އެނގުނު ނަމަވެސް އެތަރައްގީ ގެންނަން ނޭނގުނު ވެރިންތަކެއް ވެރިކަން ކުރެއްވި މަންޒަރު ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...