ޕާކިސްތާނުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް، މަރާލުމާއެކު މުޅި ޤައުމު ހިތާމައިގައި

ޒައިނަބްގެ މަރާއި ގުޅިގެން ޕާކިސްތާނުގައި އެތައް ބަޔަކު އަންނަނީ ހިތާމަ ފާޅު ކުރަމުން

ޕާކިސްތާނުގެ 7 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރުމަށްފަހު، މަރާލި މައްސަލައާއި ގުޅިގެން އެޤައުމުގެ ރައްޔިތުންނަށް ވަނީ ކުއްލި ހައިރާންކަމެއް ލިބިފައިއެވެ. މި ހާދިސާއާއި ގުޅިގެން އެޤައުމުގެ އެތައް ބަޔަކު އަންނަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

ޕާކިސްތާނުގެ ކަސޫރް ސިޓީގައި ދިރިއުޅެމުން އައި އުމުރުން 7 އަހަރުގެ ޒައިނަބް އަންސާރީ ރޭޕް ކުރުމަށްފަހު، އަނިޔާވެރި ގޮތަކަށް މަރާލާ، އެކުއްޖާ އެއްލާލާފައިވަނީ ކަސޫރު ސިޓީގެ ކުނި އަޅާ ސަރަހައްދަކަށެވެ. އެ ކުނިގޮނޑަކީ ޒައިނަބް ދިރިއުޅޭ ގެއާ 100 މީޓަރު ދުރުގައި ހުންނަ ކުނިގޮނޑެކެވެ. ޒައިނަބްގެ އާއިލާއިން ބުނީ އެކުއްޖާ ރަހީން ކޮށްގެން ގެންގޮސް، ރޭޕް ކޮށްފައިވަނީ މި ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު ކަމަށެވެ.

މި އަނިޔާވެރި ޖަރީމާ ހިންގިއިރު، ޒައިނަބްގެ މައިންބަފައިން ވަނީ އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮހެވެ. މި ހިތާމަވެރި ހާދިސާއާއި ގުޅިގެން ޒައިނަބްގެ މައިންބަފައިން މިހާރު ވަނީ އެނބުރި ޕާކިސްނަށް އައިސްފައެވެ. ޕާކިސްތާނުގެ މީޑިއާތަކުގައި ބުނެފައިވަނީ، ކުޑަ ކުޑަ ޒައިނަބް ރަހީން ކޮށްފައިވަނީ، އޭނާގެ ގެއާ މާ ދުރު ނޫސް ހިސާބެއްގައި ހުރި ޤުރުއާން ކްލާހަކަށް ދަނިކޮށް ކަމަށެވެ. އަދި އެކުއްޖާ ކިޑްނެޕް ކުރުމަށްފަހު، އެ އަނިޔާވެރި ޖަރީމާ ހިންގި މީހުން ވަނީ އެކުއްޖާގެ ފުރާނަވެސް ދުއްވާލާފައެވެ.

މި ހާދިސާއާއި ގުޅިގެން ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި އެޤައުމުގެ ރައްޔިތުން އަންނަނީ ޒައިނަބަށް އިންސާފް ހޯދައި ދިނުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ. އަދި ކަސޫރް ސިޓީ ނިސްބަތްވާ ޕަންޖާބް ޕްރޮވިންސްގެ ސަރުކާރުން މިފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށްވެސް މުޒާހަރާ ކުރަމުން އަންނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޒައިނަބްގެ މައިންބަފައިންނަށް މިހާރު ކުރިމަތިވެފައިވަނީ ދުލުން ބަޔާން ކުރަން ދަތި ހިތްދަތިކަމަކާ އެވެ. ޒައިނަބްގެ ބައްޕަ އަމީން އަންސާރީ ބުނީ، އޭނާއާއި އޭނާގެ އަނބިމީހާ މުޅި ދުނިޔެވެސް ނިމިފައިވާކަމުގެ އިހްސާސް ކުރެވޭ ކަމަށެވެ. އަދި މިވަގުތު ޒައިނަބްގެ އާއިލާއަށް ކުރިމަތިވެފައިވާ ހިތްދަތިކަން ބަޔާން ކުރަންވެސް ނޭނގޭ ކަމަށާއި މައުސޫމް ޒައިނަބަށް އިންސާފް ލިބެން ޖެހޭ ކަމަށްވެސް އޭނާގެ ބައްޕަ ވަނީ ބުނެފައެވެ.

ޕަންޖާބްގެ ޗީފް މިނިސްޓަރ، މުހައްމަދު ޝެހެބާޒް ޝަރީފް ވަނީ ޒައިނަބް ރޭޕް ކުރުމާއި މަރާލުމުގައި ބައިވެރިވި މީހުން ހައްޔަރު ކުރުމަށް ފުލުހުންނަށް އަންގަވާފައެވެ. އަދި މި ރަހުމް ކުޑަ އަމަލުގަިއ ބައިވެރިވި މީހުން ހޯދައިދިން ފަރާތަކަށް 90،000 ޑޮލަރުގެ އިނާމެއް ދެއްވާނެ ކަމަށްވެސް ޕަންޖާބް ޕްރޮވިންސްގެ ޗީފް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ޒައިނަބް މަރާލާފައިވަނީ ކޮންގޮތަކަށްތޯ ބެލުމަށްޓަކައި އޮޓޯޕްސީއެއް ހަދާފައިވާއިރު، އެކުއްޖާ މަރާލާފައިވަނީ ކަރުގައި ހިފައިގެންކަން ވަނީ ހާމަވެފައެވެ.

އަދި ޖިންސީ އަނިޔާކޮށް، ރޭޕް ކޮށްފައިވާ ކަމަށްވެސް ޒައިނަބްގެ ހަށިގަނޑު ބެލި ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ. އަދި ޒައިނަބްގެ މޫނަށްވެސް ޒަހަމްތައް ލިބިފައިވާ ކަމަށާއި، އޮޓޯޕްސީ ހެދިއިރު، ޒައިނަބް މަރުވެފައިވާތާ ދެތިން ދުވަސްވެފައިވާ ކަމަށްވެސް ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ.  މި ހިތާމަވެރި ހާދިސާއާއި ގުޅިގެން ޕާކިސްތާނުގެ އެތައް ބަޔަކު ރުޅިވެރިކަން ފާޅު ކުރަމުން އަންނައިރު، މިކަމާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކެއްގައި 2 މީހުން ވަނީ މަރުވެފައެވެ. 
 
ޕާކިސްތާނުގެ ކަސޫރު ސިޓީ އަކީ، ކުޑަ ކުދިންނަށް ޖިންސީ އަނިޔާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް އިތުރުވެފައިވާ ސިޓީއެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފާއިތުވި 2 އަހަރުގެ ތެރޭގައި އަންހެން ކުދިން ރޭޕް ކުރުމަށްފަހު، މަރާލުމުގެ 12 މައްސަލައެއް ވަނީ ފެންމަތިވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...