ދައުލަތުގެ ބެލުމުގެ ދަށުގަ ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ހޮލިޑޭ ޕްރޮގްރާމްތަކެއް ހިންގައިފި

ދައުލަތުގެ ބެލުމުގެ ދަށުގައިވާ މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމްތަކުގެ ތެރެއިން: ފޮޓޯ ޖެންޑަރ މިނިސްޓްރީ

ދައުލަތުގެ ބެލުމުގެ ދަށުގައިވާ މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ހާއްސަ ހޮލިޑޭ ޕްރޮގްރާމްތަކެއް ހިންގައިފިއެވެ.


މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން ހިންގި މި ޕްރޮގްރާމްތަކަކީ ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ދައުލަތުގެ ބެލުމުގެ ދަށުގައިވާ މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން، ކުދިންގެ އުމުރުފުރާ އާއި ގުޅޭގޮތުން ޝައުޤުވެރިކަން ހުންނަ އެކި ދާއިރާތަކުން ކުދިންގެ ހުނަރުތައް ތަރައްޤީ ކުރުމަށްޓަކައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކެކެވެ. އެގޮތުން މި ޕްރޮގްރާމްތައް ހިންގާފައިވަނީ ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައެވެ.


ފިޔަވަތީގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯ އާއި ގުޅިގެން ކުރިއަށް ގެންދިޔަ ސްކިލްސް ޑިވެލޮޕްމަންޓް ކޭމްޕާއި އެޑްވޮކޭޓިންގ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާ ގުޅިގެން ހިންގި އާރޓް ޕްރޮގްރާމް ހިމެނެއެވެ. 


ކުޑަކުދިންގެ ހިޔާ ހިންގި ޕްރޮގްރާމްތަކުގެ ތެރޭގައި ލީޑަރޝިޕް އެކަޑަމީގެ ފަރާތުން ހިންގި "ކޫލް ކޭމްޕް" އާއި އާކްގެ ފަރާތުން ހިންގި ފެތުމުގެ ޕްރޮގްރާމާއި ސެންޗޫރިއަން ޕަބްލިކްގެ ފަރާތުން އިންތިޒާމްކުރި މަސްދަތުރުތައް ފާހަގަކޮށްލެވެއެވެ.


މީގެއިތުރުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް ބަގީޗާ ހެއްދުމުގެ ޕްރޮޖެކްޓަކާއި ކުޅިވަރު މުބާރާތްތަކެއް އިންތިޒާމް ކޮށްފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. ގިނަ އަދަދެއްގެ ކުދިން ބައިވެރިވި މި ޕްރޮގްރާމް ހިންގައިފައިވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކުގައެވެ.


ޖެންޑަރ މިނިސްޓްރީން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތު ޖުމްލަ 138 ކުދިން ދިރިއުޅެމުންދާއިރު، މިކުދިންގެ ތެރެއިން 12 އަހަރުން ދަށުގެ 87 ކުދިން ދިރިއުޅެމުންދަނީ ފިޔަވަތީގައި ކަމަށެވެ. އަދި 12 އަހަރުން މަތީގެ 51 ކުދިން ދިރިއުޅެމުންދަނީ ކުޑަކުދިންގެ ހިޔާގައި ކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...