ރޮހިންޔާ މުސްލިމުން މެރި ކަމަށް މިޔަންމާ ސިފައިން އެއްބަސްވެއްޖެ

މިޔަންމާގެ އަސްކަރިއްޔާއިން އެޤައުމުގެ ރަހައިން ސްޓޭޓްގައި ހިންގި ޖަރީމާތަކުގައި ރޮހިންޔާ މުސްލިމުންގެ ތެރެއިން ބަޔަކު މަރާލާފައިވާ ކަމަށް ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެއެވެ.

މިޔަންމާގެ ސިފައިން 2017 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 25 ވަނަ ދުވަހު އެޤައުމުގެ ރަހައިން "ކްލިއަރެންސް އޮޕަރޭޝަން"ގެ ނަމުގައި، 1.1 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ރޮހިންޔާ ދަރިކޮޅުގެ މީހުންނާއި ދެކޮޅަށް ރަހައިން ސްޓޭޓްގައި އަސްކަރީ އޮޕަރޭޝަނެއް ފެށިއެވެ. "ޓެރަރިސްޓުން" މެރުމަށް ކަމަށް ބުނެ، މިޔަންމާގެ އަސްކަރިއްޔާއިން ފެށި މި އޮޕަރޭޝަނުގައި ރޮހިންޔާ ދަރިކޮޅަށް ނިސްބަތްވާ އެތައް ބަޔަކު މެރިއެވެ. މިޔަންމާގެ ސިފައިން ވަނީ މައުސޫމް ކުޑަކުދިންނާއި، އަންހެނުންނާއި، ފިރިހެނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންވެސް އެބައިމީހުންގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ހަދާފައެވެ. މި އަނިޔާވެރި އަމަލުތައް ހިންގި ކަމަށް މިޔަމަންމާގެ ސަރުކާރުން އައީ ދެކޮޅު ހަދަމުންނެވެ. އެހެންނަމަވެސް ރޮހިންޔާ ދަރިކޮޅުގެ މީހުން މެރި ކަމަށް މިޔަންމާ ސިފައިން މިވަނީ ފުރަތަމަ ފަހަރަށް އެއްބަސްވެފައެވެ.

މިޔަންމާގެ އަސްކަރިއްޔާގެ ކޮމާންޑަރ އިން ޗީފް، ފޭސްބުކްގައި ލިޔުނު ބަޔާނެއްގައި ވަނީ ރަޚައިން ސްޓޭޓްގައި ހިންގި އޮޕަރޭޝަނުގައި މިޔަންމާގެ ސިފައިން، ރޮހިންޔާ މުސްލިމުންގެ ތެރެއިން 10 މީހުން މަރާލާފައިވާ ކަމަށް ބުނެފައެވެ. އަދި އެ ބަޔާނުގައި އެމީހުންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ "ޓެރަރިސްޓުން" ކަމަށްެވެސް މިޔަންމާގެ އަސްކަރިއްޔާގެ ކޮމާންޑަރ އިން ޗީފް ވަނީ ސިފަ ކޮށްފައެވެ. އަދި މިކަމުގައި ޝާމިލްވާ ފަރާތްތަކަށް އަދަބު ދޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ރަހައިން ސްޓޭޓްގައި ލާ އިންސާނީ އެތައް ޖަރީމާތަކެއް ހިންގާފައިވާ ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން އަންހެނުންނަށް ޖިންސީ އަނިޔާތައް ކުރުމާއި، ކުޑަކުދިން ޤަތުލު ކުރުމާއި، ރޮހިންޔާ ދަރިކޮޅުގެ މީހުންގެ ގެދޮރާއި މުދަލަށް ގެއްލުން ދިނުންފަދަ އަނިޔާވެރި އަމަލުތައް މިޔަންމާގެ ސިފައިން ހިންގާފައިވާ ކަމަށް ބަންގްލަދޭޝްއަށް ހިޖުރަކުރި އެތައް ރެފިއުޖީންނެއްވެސް ވަނީ ހާމަކޮށްފައެވެ.

އެހެންނަމަވެސް، މިޔަންމާގެ އަސްކަރިއްޔާއިން ހިންގި ޖަރީމާތަކަށް 2 މަސް ދުވަސް ވީ ފަހުން، އެޤައުމުގެ އަސްކަރިއްޔާއިން މިވަނީ އެންމެ 10 މީހުން މަރާލާފައިވާކަން ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރަމުން އަންނަ ޖަމުއިއްޔާއެއް ކަމަށްވާ، އެމްނެސްޓީ އިންޓަރނޭޝަނަލްއިން ބުނެފައިވަނީ، މިޔަންމާގެ އަސްކަރިއްޔާއިން މަސައްކަތް ކުރަމުން ދަނީ ރޮހިންޔާ ދަރިކޮޅުގެ މީހުންނާއި ދެކޮޅަށް ހިންގާފައިވާ ޖަރީމާތައް ފޮރުވުމަށް ކަމަށެވެ. އަދި އެ ޖަރީމާތަކުގެ މިނިވަން ތަހްގީގެއް ކުރަން ޖެހޭ ކަމަށްވެސް އެމްނެސްޓީއިން ވަނީ ބުނެފައެވެ.

މިޔަންމާގެ ސަރުކާރުން ރަހައިން ސްޓޭޓްގައި ހިންގި ޖަރީމާތައް ތަހްގީގް ކުރުމަށް އދއިންވެސް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް، މިޔަންމާގެ ސަރުކާރުން ވަނީ އެއީ އެޤައުމުގެ ދާހިލީ ކަމެއް ކަމަށް ބުނެ، އދގެ ތަހްގީގަށް ހުރަސް އަޅާފައެވެ. އަދި ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަން ތަހްގީގް ކުރާނީ އެގައުމުން އަމިއްލައަށް ކަމަށްވެސް މިޔަންމާގެ ސަރުކާރުން ވަނީ ބުނެފައެވެ.

ރަހައިން ސްޓޭޓްގައި މިޔަންމާގެ ސިފައިން ހިންގާފައިވާ ޖަރީމާތަކަކީ، ނަސްލެއް ނައްތާލުމަށްޓަކައި، ރާވައިގެން ކުރި ކަމެއް އދއިން ވަނީ ސިފަ ކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...