ޔޫރަޕަށް ދިއުމަށް މެޑިޓެރޭނިއަން ކަނޑު ހުރަސް ކުރަނިކޮށް ރެފިއުޖީންތަކެއް ގެނބިގެން މަރުވެއްޖެ

މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް ދަތުރު ކުރަމުން ދިޔަ ބޯޓުތަކެއް އަޑިއަށް ގޮސް 90 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް، ޔޫރަޕަށް ދަތުރު ކުރަމުން އައި ރެފިއުޖީންނާއި ބައެއް ހިޖުރަވެރިން ތިބި 3 ބޯޓެއް ފާއިތުވި 2 ދުވަހުގެ ތެރޭގައި ވަނީ އަޑިއަށް ގޮސްފައެވެ. މި ބޯޓުތައް އަޑިއަށް ގޮސްފައިވަނީ ލީބިޔާގެ އައްސޭރި ފަށުގައެވެ. މި 3 ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން 90 މީހުން ގެއްލިފައިވާއިރު، ލީބިޔާގެ ކޯސްޓްގާޑުން ވަނީ 300 މީހުން ސަލާމަތްކޮށްފައެވެ.

ލީބިޔާ އަކީ، މީހުން ވަގަށް ނެގުމާއި، އަޅުންގެ ގޮތުގައި މީހުން ވިއްކުމުގެ މައްސަލަތައް އިތުރުވެފައިވާ ޤައުމެއް ކަމުން، އެޤައުމަށް އައި ރެފިއުޖީންނަށް ރައްކާތެރިކަން ލިބޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް ބައިނަލްއަޤްވާމީ ރިޕޯޓްތައް ބުނެއެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ލީބިޔާގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާ ބޯޑަރު ގާޑުން އެގައުމުގެ ސަރަހައްދު ހުރަސްކޮށް ދަތުރު ކުރާ އުޅަނދުތަކަށް އަމާޒުކޮށް ހަމަލާ ދޭ ކަމަށެވެ.

އަދި މިފަދަ ހަމަލާތަކުގައި ބައެއް ރެފިއުޖީންނަށް އެކި ވަރުގެ ޒަހަމްތައް ލިބޭއިރު، ސަލާމަތްވާ މީހުންނަށް ބިރު ދެއްކުން ފަދަ އަމަލުތައް ހިންގާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. ޔޫރަޕިއަން ޔޫނިއަނުން ވަނީ ލީބިޔާގެ ސިފައިންނަށް އެގައުމުގެ އައްސޭރިފަށުގައި ހާލުގައި ޖެހޭ އުޅަނދުތަކަށް އެހީތެރިވުމަށް އިލްތިމާސް ކޮށްފައެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ލީބިޔާގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރަކު ވިދާޅުވީ، ހާލުގައި ޖެހިގެން އެފަރާތްތަކަށް ބަޔަކު ރިޕޯޓް ކޮށްފިނަމަ، ކޯސްޓްގާޑުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް މަސައްކަތް ކުރާ ކަމަށެވެ. އެހެންނަމަވެސް، ބައެއް ފަހަރު މޫސުން ގޯސްވުމުގެ ސަބަބުން ގިނަ މީހުން ސަލާމަތް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

2017 ވަނަ އަހަރުގައި މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް، ޔޫރަޕަށް އެތެރެވާން މަސައްކަތް ކުރި 3،000 ރެފިއުޖީން ކަނޑުވެގެން މަރުވެފައިވާއިރު، 2018 ވަނަ އަހަރުވެސް ފެށިގެން މި ދިޔައީ އެފަދަ ހިތާމަވެރި ހާދިސާއާއި އެކުގައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...