ރޮހިންޔާގެ މައްސަލަ ކަވަރ ކުރި 2 ނޫސްވެރިން ހައްޔަރުކޮށްފި

މިޔަންމާގެ ރަޚައިން ސްޓޭޓްގައި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮަޅަށް އެޤައުމުގެ ސިފައިން ހިނގަމުން ދިޔަ އަނިޔާވެރި ޖަރީމާތައް ހަޤީޤަތް ހާމަ ކުރުމަށް މަސައްކަތް ކުރި ދެ ނޫސްވެރިއަކު ހައްޔަރުކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ރަޚައިން ސްޓޭޓްގައި ހިނގަމުން އައި ހަމަނުޖެހުންތައް ކަވަރ ކުރުމުގައި ހަރަކާތްތެރިވި 2 ފިރިހެން ނޫސްވެރިއަކު މިޔަންމާގެ ފުލުހުންގެ ބެލުމުންގެ ދަށަށް ގެންގޮސްފައިވަނީ، ހާމަ ކުރަން ނުޖެހޭ މައުލޫމާތުތައް ހާމަ ކޮށްފައިވާ ކަމަށް ތުހުމަތު ކުރުމަށްފަހުގައި ކަމަށެވެ. އަދި މިޔަންމާއަށް ނިސްބަތްވާ އެދެމީހުން މަސައްކަތް ކުރަމުން އައީ ރޮއިޓަރސް ނިއުސް އެޖެންސީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރޮއިޓަރސްއިން ބުނީ، އެ ނިއުސް އެޖެންސީގައި މަސައްކަތް ކުރަމުން އައި ދެ ނޫސްވެރިންގެ މައްޗައް ކުރެވޭ ތުހުމަތުތަކާއި ގުޅޭ މާ ގިނަ މައުލޫމާތެއް ނޭނގޭ ކަމަށެވެ. އެހެންނަމަވެސް، އެދެމީހުން ހައްޔަރުކޮށްފައިވަނީ، އެމީހުންގެ އަތުން ރަޚައިން ސްޓޭޓާއި ގުޅޭ ސިއްރު މައުލޫމާތު ހިމެނޭ ލިޔުންތަކެއް ފެނިގެންކަން އަންގާފައިވާ ކަމަށްވެސް ރޮއިޓަރސްއިން ވަނީ ހާމަކޮށްފައެވެ.

މިޔަންމާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ ނޫސްވެރިންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާއިރު، އެދެމީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 14 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިދިޔަ އަހަރުގެ އޯގަސްޓްމަހުގައި މިޔަންމާގެ ރަޚައިން ސްޓޭޓްގައި މިޔަންމާގެ ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަނާއި ގުޅިގެން ހަލައްކަ ފަންސާސް ހާހަށް ވުރެ ގިނަ މީހުން ވަނީ ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ.

ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް މިޔަންމާ ސިފައިން ހިންގި ޖަރީމާތައް ފޮރުވައި، އެކަމުގެ ހަޤީޤަތް އޮޅުވާލުމަށް މިޔަންމާގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބައިނަލްއަޤްވާމީ މީޑިޔާތަކުން ވަނީ ހާމަކޮށްފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...