ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތުގެ 2 ފަންގިފިލާ، މެޑިކަލް ކޮލެޖަށް ޚާއްސަކުރުމަށް ނިންމައިފި

2018 ވަނަ އަހަރުގެ މަޝްރޫއުތަކާއި ގުޅޭގޮތުން މިނިސްޓަރ ނާޒިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ފޮޓޯ ޗެނަލް13

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތުގެ 2 ފަންގިފިލާ، މެޑިކަލް ކޮލެޖަށް ޚާއްސަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާއިރު، މިއަހަރުގެ ތެރޭގައި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ޑެންޓަލް ޚިދުމަތް ފުޅާކުރުމަށް ނިންމަވާފައިވާކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ 2018 ވަނަ އަހަރު ހެލްތް މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ. 



ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެރިކަމަށް ވަޑައިގެން އެންމެ އިސްކަންދެއްވި އެއްކަމަކީ ސިއްޙީީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސިއްޙީ ދާއިރާއަށްވަނީ ދުވަހަކުވެސް ހީނުކުރާވަރުގެ ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވާފައެވެ. ސިއްޙީ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނުވާނެ އެންމެބޮޑު އެއް މަޝްރޫޢަކަށް ފަންސަވީސް ފަންގިފިލާގެ ދަރުމަވަންތަ ހޮސްޕިޓަލް ވެގެންދާނެކަން ޔަޤީނެވެ.


އެ ހޮސްޕިޓަލްގެ މަސައްކަތް އެއްކޮށް ނިންމާ މިއަހަރުގެ ތެރޭގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު، ދަރުމަވަންތަ ހޮސްޕިޓަލް ނިމުމާއެކު، ކުރިން ރާއްޖެއިން ލިބެން ނެތް އެތަކެއް ޚިދުމަތްތަކެއް ދިވެހި ރައްޔިތުންނަށް ލިބިގެންދާނެއެވެ. އޭގެތެރޭގައި ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ ޚިދުމަތާއި، ނެޝަނަލް އޯތޯ ޑައިގްނޯސްޓިކް ޑިޕާޓްމެންޓްގެ ޚިދުމަތުގެ އިތުރުން، ރެސްޕިރޭޓަރީ މެޑިސިންގ ޑިޕާޓްމެންޓްގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވިގެންދާނެއެވެ. އަދި، އިމަޖެންސީ ޑިޕާޓްމެންޓް ތަރައްޤީ ކުރުމުގެ އިތުރުން ހޮސްޕިޓަލްގެ 25 ފަންގިފިލާގެ ތެރެއިން 2 ފަންގިފިލާ މެޑިކަލް ކޮލެޖަށް ޚާއްސަ ކުރެވިގެންދާނެއެވެ.


މީގެއިތުރުންވެސް ދަރުމަވަންތަ ހޮސްޕިޓަލްއިން އެތަކެއް މުޙިއްމު ޚިދުމަތްތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއެވެ. 2018 ވަނަ އަހަރު ހެލްތް މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ ޕާކިސްތާންގެ ސަރުކާރުގެ އެހީއާއިއެކު މިއަހަރު ރާއްޖޭގައި މެޑިސިންގ ކިޔަވައިދޭން ފަށާއިރު، ސަރުކާރުން މިހާރު ކުރިއަށްގެންދަނީ މިކަމާ ގުޅިގެން އެކުލަވާލަންޖެހޭ ކަރިކިއުލަމް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.

މީގެއިތުރުން ސިއްޙީ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ނިންމާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޑެންޓަލް ޚިދުމަތް އަތޮޅުތެރޭގެ ރަށްރަށުގައި ފެށުމުގެ އިތުރުންވެސް މިއަހަރުގެ ތެރޭގައި ރައީސް ޔާމީންގެ ހެލްތް މެނިފެސްޓޯ ތަންފީޒް ކުރުމަށް ވަރަށް ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ރޭވިފައިވާކަމަށެވެ. އެގޮތުން ތެލެސީމިއާއަށް ޓެސްޓްކުރެވޭނެ ނިޒާމް އަތޮޅުތެރޭގައި ޤާއިމް ކުރުމާއި، ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމާއި، އާއިލީ ޑޮކްޓަރުންގެ ޚިދުމަތް ޤާއިމް ކުރުމުގެ އިތުރުން ޑޮކްޓަރުންގެ އިންޓާންޝިޕް ޕްރޮގްރާމް އައިޖީއެމްއެޗް މެދުވެރިކޮށް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ހެލްތް ސެކްޓަރގައި ހިމެނޭ ގިނަ ކަންތައްތަކެއް ޓެކްނޮލޮޖީގެ ތެރެއަށް ވެއްދުމަށް މިއަހަރު ހެލްތް ސްކްޓަރ އިން އަމާޒު ހިފާފައި ވާއިރު، އިމަޖެންސީއަށް ތައްޔާރުވުމަށް އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ހަމަޖެހިފައިވެއެވެ. އަދި މިއަހަރުގެ ތެރޭގައި ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލައިގެން ފަށާފައިވާ 25 އަށް 25 ކެމްޕެއިންގެ ދަށުން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގެ އިތުރުން ހެލްތް ސެކްޓަރ ތަރައްޤީ ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.



މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...