އަލަށް ގާއިމް ކުރެވޭ އޭޕްރަންގައި އެއްފަހަރާއި 21 ފުލައިޓް ޕާކް ކުރެވޭނެ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދަމުން އަންނަ، ހުޅަނގު ދެކުނު އޭޕްރަންގެ މަސައްކަތް ނިމުމުން އެއްފަހަރާ 21 ފުލައިޓް ޕާކް ކުރެވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮޕްމެނީ ބުނެފިއެވެ.
 
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތާއެކު 7 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ މިސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ. އެއަމާޒަށް ވާސިލްވުމަށްޓަކައި އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެގޮތުން ޗައިނާގެ ބީޔޫސީޖީ ކުންފުންޏާއި ހަވާލު ކުރެވިގެން އެމްއޭސީއެލްއިން އެއާޕޯޓްގެ ރަންވޭ ބޮޑު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އަލަށް ހިއްކުނު ސަރަޙައްދުގައި އެއާޕޯޓްގެ ރަންވޭ ބޮޑު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު 65،000 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާއިރު، މިއީ މުޅި އެއާޕޯޓަށް އިތުރުވެގެންދިޔަ ތިރީސް ތިން އިންސައްތައިގެ އިތުރުވުމެކެވެ. އެގޮތުން އަލަށް ހިއްކުނު ބިމުގައި މިހާރު އޭޕްރަން ބޮޑު ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

މި މަސައްކަތާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ އޭސޯސިއޭޓް ޖެނެރަލް މެނޭޖާރ ހަސަން އަރީފް ވިދާޅުވީ، އޭޕްރަން ބޮޑު ކުރުމުގެ މަސައްކަތުގެ ތެރެއިން ހުޅަނގު ދެކުނު ސަރަޙައްދުގައި 80،000 އަކަ މީޓަރު ބޭނުން ކުރެވިގެންދާނެ ކަމަށެވެ.

އެގޮތުން ހުޅަނގު ދެކުނު އޭޕްރަންގެ ބިންގަނޑު ހަރުކޮށް، ސިމެންތި ފެތުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ހަސަން ވިދާޅުވިއެވެ. އާ އޭޕްރަންގެ މަސައްކަތް ނިމުން ޖުމުލަ އެއްލައްކަ ތިރީސް ހާސް އަކަމީޓަރު ހުންނާނެ ކަމަށް ހަސަން ވިދާޅުވިއެވެ. މީގެކުރިން ބޭނުންކުރަމުން ދިޔައީ ފަންސާސް ހާސް އަކަމީޓަރުގެ އޭޕްރަންއެއްކަމަށްވެސް ހަސަން ވިދާޅުވިއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ، އޭޕްރަންގެ މަސައްކަތް ރަންވޭއާއެކު ނިމިގެންދާނެކަމަށެވެ. އަދި އުންމީދަކީ މިއަހަރުގެ ތެރޭގައި އޭޕްރަންއާއި ރަންވޭގެ މަސައްކަތް ނިމި އޮޕަރޭޝަންތައް ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ. ހަސަން ވިދާޅުވީ އަލަށް ހަދާ އޭޕްރަންއާއެކު އެއާކްރާފްޓް ޕާކްކުރާނެ އުސޫލެއްވެސް ހެދިގެން ދާނެ ކަމަށެވެ. 

ޗައިނާގެ، ބެއިޖިންގ އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ގަލްފް ކޮބްލާ ގްރޫޕުން ހިންގި އެއާޕޯޓް ހިއްކުމުގެ މަސައްކަތުގެ ދަށުން އާ ރަންވޭ އަޅާ ސަރަޙައްދުގެ 62 ހެކްޓަރުގެ ސަރަޙައްދާއި މިހާރުގެ ސީޕްލޭން ޓާމިނަލް ބަދަލުކުރާ ސަރަޙައްދު ހިއްކާ ނިންމާފައިވެއެވެ. އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ މުޅި އާބާދީއަށް އެކަމުގެ ފައިދާ ލިބިގެން ދާނެ ކަމެކެވެ.

މި މަޝްރޫޢަކީ ރާއްޖޭގައި ދަތި ނުވެ ޑޮލަރު ލިބޭނެ މަގު ތަނަވަސްވެ، ވަޒީފާގެ ފުރުސަތުތައް ޒުވާނުންނަށް ތަނަވަސްވެ، ރާއްޖޭގެ ރައްޔިތުންނަށް ސީދާ ފައިދާ ކުރާނެ މަޝްރޫއެކެވެ. އެއާޕޯޓްގެ މަޝްރޫޢުގެ މަސައްކަތް ހަމަ ލޮލުން ބަލާލުމުން މަސައްކަތް ކުރިއަށްދާ ހަލުވި މިން ފެނިގެން ދެއެވެ. އެގޮތުން އާ ޓާރމިނަލް އޭރިޔާ އާއި އޭޕްރަން ސަރަޙައްދު ބޮޑު ކުރުމުގެ މަސައްކަތް ކުރެވިގެންދާއިރު، އެއާޕޯޓްގައި އިތުރު އެހެނިހެން މަސައްކަތްތައްވެސް ދަނީ ހަލުވިމިނުގައި ކުރިއަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...