މި ސަރުކާރަށް ލިބުނު އެއް ކާމިޔާބީ އަކީ ރައްޔިތުންގެ ޖީބުން ސިއްޙީ ކަންކަމަށްކުރާ ހޭދަ ކުޑަވެގެން ދިއުން - ނާޒިމް

ހެލްތް މިނިސްޓަރ މީޑިއާއަށް މަޢުލޫމާތު ދެއްވަނީ: ފޮޓޯ ޗެނަލް ތާރޓިން

ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގެންނެވިފަހުން ސިއްޙީ ދާއިރާއަށް ލިބުނު އެންމެ މުހިއްމު އެއް ކާމިޔާބީ އަކީ ރައްޔިތުންގެ ޖީބުން ސިއްޙީ ކަންކަމަށްކުރާ ހޭދަ ކުޑަވެގެން ދިއުން ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގެންނެވިފަހުން ސިއްޙީ ދާއިރާއަށް ގެންނަމުންދާ ތަރައްގީއާއި ގުޅޭގޮތުން ޗެނަލްތާޓީނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ މިސަރުކާރު ވުޖޫދަށްއައި ފަހުން ސިއްޙީ ދާއިރާއަށް ބޮޑެތި ބަދަލު ތަކަކާ ކުރިއެރުންތަކެއް ލިބިފައި ވާކަމަށެވެ. އެގޮތުން މި ކުރިއެރުންތަކާއެކު ރައްޔިތުންނަށް ލިބިދޭ ސިއްޚީފަރުވާވެސް އެތައް ގުނައެއް ރަނގަޅުވެގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ.


މިނިސްޓަރ ވިދާޅުވީ ސިއްޚީދާއިރާއަށް ލިބުނު އެންމެ މުހިއްމު އެއް ކާމިޔާބީއަކީ ރައްޔިތުންގެ ޖީބުން ސިއްޙީ ކަންކަމަށްކުރާ ހޭދަ ކުޑަވެ، ރައްޔިތުންނަށް ހިތްހަމަޖެހުން ލިބިގެން ދިއުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ނާޒިމް ވިދާޅުވީ 2011 ވަނަ އަހަރުގެ ތަފާސްހިސާބުތައް ބޭސްފަރުވާއަށް ސަތޭކަ ރުފިޔާ ހޭދަކޮށްފިނަމަ، ސާޅީސް ނުވަ ރުފިޔާ ދައްކަންޖެހޭނީ އެމީހެއްގެ އަމިއްލަ ޖީބުންކަމަށެވެ. އެހެން ނަމަވެސް މިސަރުކާރުން އެ އަދަދު ވަރަށް ބޮޑުތަން ކުޑަކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ އިތުރަށް ވިދާޅުވީ ސިއްޙީ ހިދުމަތް ފަސޭހައިން ރަށްފުށުގައި ލިބޭނެ އިންތިޒާމް ހަމަޖެހިފައި ހުރިތޯ ސަރުކާރުން ކަށަވަރު ކުރަމުންދާކަމަށެވެ. އަދި ސިއްޙީ ހިދުމަތަކީ އެ ހިދުމަތަކަށް އަބަދުވެސް ކުރިއެރުން ބޭނުންވާނެ މުހިއްމު ހިދުމަތަކަށްވާއިރު، އެމަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް ސަރުކާރުން ޙާއްސަ އިސްކަމެއް ދެއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވެތުވެދިޔަ އަހަރުތަކުގައި ސިއްޙީ ދާއިރާއަށް ހީނުކުރާވަރުގެ ކުރިއެރުންތައް ލިބިފައިވައިރު، 2018 ވަނަ އަހަރުވެސް މި ދާއިރާއިން މުހިއްމު ލަނޑުދަނޑިތަކެއް ހާސިލް ވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


އެހެންކަމުން އިގްތިސާދީ ގޮތުން ފުދުންތެރި ޤައުމަކަށް ރާއްޖެ ހެދުމަށާ، ސިއްޙީ ގޮތުން ދުޅަހެޔޮ ރައްޔިތުންތިބޭ ޤައުމަކަށް ރާއްޖެ ހެދުމަށްޓަކާ ކުރައްވަމުންގެންދަވާ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން އަށް ދެވަނަ ދައުރަކަށް ފުރުސަތު ދިނުމަކީ މުހިންމު ކަމެއްކަމަށް ސަރުކާރުން ބުނެއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...