އިސްލާމްދީން މަތީގައި ޤައުމު ދެމެހެއްޓުމަށް އެންމެފަހުގެ ލޭ ތިއްކާ ހަމައަށްވެސް މަސައްކަތް ކުރާނަން - ނިހާން

ރުމާލު2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ނިހާން ވާހަދައްކަވަނީ: ފޮޓޯ ޗެނަލް ތާރޓީން

ދިވެހިރާއްޖެއަށް އެއް ދީނަށްވުރެ ގިނަ ދީން ގެންނަށް ބަޔަކު ކުރަމުންދާ މަސައްކަތް އެންމެފަހުގެ ލޭތިއްކާ ހަމައަށްވެސް ކާމިޔާބުވިޔަ، ނުދެއްވާނެކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕް ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމްއިން ރޭ ރުމާލު2 ޖަގަހައިގަ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ޕީޕީއެމްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރުމާލު ދޭއް ޖަގަހަގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މަލްޓި ޕާޓީ އިލެކްޝަނެއް އެއްބުރުން ކާމިޔާބު ކުރާ ފުރަތަމަ ވެރިޔަކަށް ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމް މިފަހަރު ވެގެންދާނެކަމަށެވެ. ނިހާން ވިދާޅުވީ މީހަކު ފުރައްސާރަކޮށް ދިމާކޮށް ޖެއްސުންކޮށްގެން ޕީޕީއެމްގެ ބަދަހި ސަފްތަކުން ކުރަމުން އަންނަ މަސައްކަތް ނުހުއްޓޭނެ ކަމަށާއި، އެއަތްވުރެ ސަފްތައް ބަދަހިވެފައިވާކަމަށެވެ.


ދިވެހިރާއްޖެއަށް އެއްދީނަށްވުރެ ގިނަ ދީން ގެނައުމަށް ބަޔަކު ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ނިހާން ވިދާޅުވީ ދިވެހިރާއްޖޭގައި އެއް ދީނަށްވުރެ ގިނަދީން އޮންނާނެކަމަށް ޤަބޫލުކުރާ ބަޔަކު އުޅެމުންދާކަމަށާއި، އެކަން އެމީހުންނަށް ކާމިޔާބްވިޔަ ނުދެއްވާނެކަމަށެވެ. އަދި ލާދީނީ ފިކުރު ޤައުމަށް ގެނައުމަށްޓަކައި ކަމަރު ބަނދެގެންތިބި ފަރާތްތަކުން އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ނިހާން ގޮވާލެއްވިއެވެ. 

މިސަރުކާރުގެ ތެރެއިން ޤާނޫނާ ޚިލާފަށްކުރާނެ އެއްވެސް ކަމެއް ނޯންނާނެކަން ފާހަގަ ކުރައްވާ ނިހާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރުން ނުކުރާ ކަންތައްތަކާއި، ވުޖޫދުގަނެތް އެތައްކަމެއް ގެނެސް ރައްޔިތުންގެ މެދުގައި ސަރުކާރަށް އޮތް އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ރައީސް ޔާމީނާއި ގުޅޭގޮތުންވެސް ދެއްކި ހުރިހާ ވާހަކަތަކަކީ ހަގީގަތެއް ނޫންކަން ދިވެހިރައްޔިތުން ގަބޫލުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 
 
ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ޕީޕީއެމްއިން މަސައްކަތް ފަށާފައިވާއިރު، ކޮންމެ ހަފްތާއަކުވެސް ދަނީ މާލެއާއި އަތޮޅުތެރޭގައި ޖަގަހަ ޖަލްސާތައް ބާއްވަމުންނެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...