ރައީސްޔާމީންގެ ޒައާމަތުގައި ބޭއްވި ހުރިހާ އިންތިޚާބުތަކަކީ އިންސާފުވެރި އިންތިޚާބުތަކެއް: ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފަތުހީ

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މޫސާފަތުހީ- ފޮޓޯ: ޗެނަލް 13

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޒައާމަތުގައި މިހާތަނަށް ބޭއްވި އެއްވެސް އިންތިޚާބެއްގައި މައްސަލަޖެހިފައި ނުވާކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މޫސާ ފަތުޙީ ވިދާޅުވެއްޖެއެވެ. ފަތުހީ މިފަދައިން ވިދާޅުވީ ޗެނަލް 13ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.  


ރައީސް ޔާމީންގެ ޒަޢާމަތުގައި މިހާތަނަށް ބޭއްވިފައިވާ އިންތިޚާބުތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިއުންތަކަށް ރައްދު ދެއްވާ މިޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަތުހީ ވިދާޅުވީ ދިވެހިރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެ ކަމާއިމެދު ޝައްކު އުފެދޭކަމަށް އެމްޑީޕީގެ ޗެއާޕާރސަން ހަސަން ލަތީފް ވިދާޅުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޒައާމަތުގައި މިހާތަނަށް ބޭއްވި އެއްވެސް އިންތިޚާބެއްގައި މައްސަލަޖެހިފައި ނުވާކަމަށް ފަތުހީ ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު 2014 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެއްވެސް މައްސަލައެއް ނެތްއިރު، ބޭރުގެ އޮބްޒާވަރުންނާއި ދުނިޔޭގެ ޤައުމުތަކުން އެ އިންތިޚާބުގެ ނަތީޖާ ބަލައިގެންފައިވާކަމަށް ފަތުހީ ވިދާޅުވިއެވެ. އަދި އޭގެފަހުން އެތައް ބައި އިލެކްޝަނެއް ބާއްވާފައިވާއިރު، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބު ލިބުމުން އެ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބަލައިގަނެ ނަށާ ބެރުޖެހިކަމަށް އޭނާ ވިދާޅުވިއެވެ.  

މީގެއިތުރުން އަންނަ ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނެކަމަށް ޑރ. ޝަހީދު ވިދާޅުވެފައިވާ ކަމަށްވެސް ފަތުހީ ވިދާޅުވިއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަކީ ނަމޫނާ ގާނޫނު އަސާސީއެއް ކަމަށް އދ. އިން އެންޑޯޒްކޮށްފައިވާކަމަށް ފަތުހީ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ ގާނޫނު އަސާސީއާ ދެކޮޅަށް އިންތިޚާބު ބާއްވަން އދ. އިން ގޮވާނުލާނެކަން ފާހަގަކުރައްވާ ފަތުހީ ވިދާޅުވީ ޑރ. ޝަހީދަކީ އެއްޖިންސުން ކައވެނިކުރުން ހުއްދަކަމަށް ގޮވާލާ މީހެއްކަމަށާއި އިސްލާމީ ޝަރީއަތް މިގައުމުގައި ތަންފީޒްކުރުމަށް ދެކޮޅުހަދާ މީހެއްކަމަށެވެ. އެހެކަމުން އެވަރުގެ ބޭފުޅަކު ދައްކާ ވާހަކަ ދިވެއްސަކުވެސް އަދި ބޭރުމީހަކުވެސް ގަބޫލު ނުކުރާނެކަމަށް އޭނާ ވިދާުޅުވިއެވެ. 

ފަތުހީ ވިދާޅުވީ ބޭރުގެ އެއްވެސް ގައުމަކުންވެސް އަދި އދ. ފަދަ ޖަމާއަތަކަށްވެސް ރާއްޖޭގައި ބާއްވާ އިންތިޚާބުގެ ތެރެއަށް ވަނުމުގެ ހައްގު ލިބިގެން ނުވާކަމަށާއި އެފަދަ ހާލަތަކަށް މިގައުމު ނުދާކަމަށެވެ. އެގޮތުން މިސަރުކާރުން ގާނޫނު އަސާސީއާ ޚިލާފަށް އެއްވެސް އަމަލެެއް މިހާތަނަށް ކޮށްފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...