އޭޑީކޭގެ އައު އިމާރާތް ހުޅުވައި ރަސްމީކޮށް ހިދުމަތް ދޭން ފަށައިފި

މި ސަރަޙައްދުގައި ފާހަގަކޮށްލެވޭ ފެންވަރުގެ ވޯޑުތަކަކާއެކު އޭޑީކޭގޭ އާ އިމާރާތް ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

ރާއްޖޭގައި މިވަގުތު ހިންގާ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް އޭޑީކޭގައި ސިއްހީ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފެންވަރު ރަނގަޅު ފަސޭހަ ޚިދުމަތްތަކެއް ދިނުމަށް އެހޮސްޕިޓަލުން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ހޮސްޕިޓަލްގައި އަލަށް އިމާރާތްކުރެވުނު އަށް ފަންގިފިލާގެ އިމާރަތަކީ މިސަރަޙައްދުގައި ސިއްޚީ ޚިދުމަތްދޭ ފެންވަރު ރަނގަޅު ހޮސްޕޮޓަލެކޭ އެއް ފެންވަރަށް ހަދާފައިވާ އިމާރާތެކެވެ. މިއަދު މިވަނީ އެ އިމާރާތުގެ ތެރެއިން ތިން ފަންގިފިލާގެ މަސައްކަތް ނިންމާ ޚިދުމަތްދޭން ފަށާފައެވެ. އަށް ފަންގިފިލާއަށް ނަގާފައިވާ މި އިމާރާތުން ޚިދުމަތް ދޭން ފަށާފައިވަނީ ހަތްވަނަ ފަންގިފިލާއާއި ހަވަނަ ފަންގިފިލާގެ އިތުރުން ދެވަނަ ފަންގިފިލާގައެވެ.


އޭޑީކޭއަށް 27 އަހަރު ޚިދުމަތް ކޮށްދެއްވި ޑރ. އާރު ސޭޖީ ޕާންޑިއަންއަށް ނިސްބަތްކޮށް ހެދި މި އިމާރާތް ހާއްސަ ކޮށްފައިވަނީ އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންނަށެވެ. އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އަފްއާލް ވިދާޅުވީ އެ ހޮސްޕިޓަލަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެޑްމިޓްކޮށްގެން ބަލިމީހުންނަށް ފަރުވާ ދިނުންކަމަށެވެ. އެހެންކަމުން އަލަށް ހުޅުވި ޕާޑިއަން ވިންގުގެ އަށް ފަންގިފިލާގެ ތެރެއިން ހަ ފަންގި ފިލާއެއް ވޯޑްތަކަށް ޚާއްސަ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި އިމާރާތް އެއްކޮށް ނިމޭއިރު 60 އެނދު އިތުރުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި އިމާރާތުގެ ތިން ފަންގި ފިލާއިން މިހާރު ޚިދުމަތްދޭން ފަށާފައިވާއިރު، ހަތްވަނަ ފަންގިފިލާއާއި ހަވަނަ ފަންގިފިލާ ޚާއްސަ ކޮށްފައިވަނީ ވޯޑަށެވެ. އަދި ދެވަނަ ފަންގިފިލާ ޚާއްސަ ކޮށްފައިވަނީ ހެލްތް ސްކްރީނިންގގެ ހިދުމަތްތަކަށް ކަމަށްވެސް އައްފާލް ވިދާޅުވިއެވެ.

އަފްއާލް ވިދާޅުވީ މި އިމާރާތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޒަމާނީ ފެންވަރަށް ޤާއިމް ކޮށްފައިވާ ވޯޑުތައް ކަމަށެވެ. އެގޮތުން ކުރިން ހުންނަ ގޮތަށް ދެ އެނދު ވަކިކުރުމަށް ފޮތިގަނޑެއް ދެމުމުގެ ބަދަލުގައި ވަކިވަކި ކޮޓަރިތަކުގައި އެނދު ބަހައްޓާ، ކޮޓަރީގައި ބަލި މީހާ މޮނިޓަރ ކުރެވޭނެ އިންތިޒާމްތައް ވަނީ ޤާއިމް ކޮށްފައެވެ. 

އެޑީކޭގެ އާ އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭޑިކޭގެ ޗެއަރމަން އަހުމަދު ނާޝިދު ވިދާޅުވީ ޕާޑިއަން އިމާރަތުގެ ބައެއް މިއަދު ހުޅުވާފައިވާއިރު، ނުނިމިހުރި ބައިތައް ވަރަށް އަވަސް މުސްތަޤުބަލެއްގައި ހުޅުވައި ޚިދުމަތްދޭން ފެށޭވަރުވާނެކަމަށެވެ. އިމާރާތުގެ ފުރިހަމަކަން ފާހަގަކޮށް ނާޝިދު ވިދާޅުވީ މި އިމާރާތަކީ ވަކި މިންގަނޑުތަކަކަށް ބެލުމަށްފަހު އިމާރާތްކުރެވުނު އިމާރާތެއް ކަމަށެވެ. 

އާ އިމާރާތް ހުޅުވުނު އިރު މި އިމާރާތުގައި ފުޑް ކޯނަރ އެއްވެސް ވަރަށް އަވަހަށް ހުޅުވިގެންދާނެކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ. އޭޑީކޭ ހޮސްޕިޓަލަކީ ކޮންމެ ދުވަހަކުވެސް އެތައް ހާސް މީހުންނެއް ފަރުވާ ހޯދަމުންދާ ހޮސްޕިޓަލެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...