އަހަރެން ކުރިން ބޮލީވުޑްގައި ހުރީ ބާކީވެފައި: އަކްޝޭ

އަކްޝޭ ކުމާރަކީ މިހާރު ބޮލީވުޑަށް އާ ނަމެއް ނޫނެވެ. އެއީ މިއަދު ބޮލީވުޑްގެ އެންމެ އަގު ބޮޑު އެކްޓަރުން ލިސްޓުން އެންމެ ކުރިން ޖާގަވެސް ހޯދާފައިވާ ފަރާތެކެވެ. އަކްޝޭއަށް މިދިޔަ އަހަރު ވަނީ ބެސްޓް އެކްޓަރުގެ އެވޯޑްވެސް ލިބިފައެވެ. 

އަކްޝޭ އަކީ މިއަދު ބޮލީވުޑްގައި ކާމިޔާބު މީހެއް ނަމަވެސް، ކުރިން އޭނާގެ ފިލްމީ ހަޔާތަކީ ނާކާމިޔާބު ހަޔާތެކެވެ. އަކްޝޭ ވަރަށް ފަހުން ދިން އިންޓަރވިޔުއެއްގައި ބުނެފައި ވަނީ އޭނާ އަކީ ކުރިން ބޮލީވުޑްގައި "ބާކީ"ވެފައި ހުރި މީހެއް ކަމަށެވެ. އަކްޝޭ ބުނީ އޭރު ތަރިންނާއި މެދުގައި ކަންތައް ކުރީ އެތަރިއެއްގެ އެންމެ ފަހުގެ ފިލްމުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް ކަމަށެވެ.

"އަހަރެން އޭރު ހުރީ ބާކީ ކޮށްފައި. އަހަރެން ހަނދާންވޭ އެހެން އެކްޓަރާ އެކީގައި "ޓޫ-ހީރޯ" ފިލްމެއް ކުޅުނުއިރު ކަން ދިމާވި ގޮތް. އަހަންނާއި އެކީގައި ދެން މަސައްކަތް ކުރި ތަރީގެ ފިލްމުތައް ކާމިޔާބުވިއިރު، އަހަރެންގެ ފިލްމުތައް އޭރު ނުހިނގާ. އަހަރުމެން ދެމީހުން ފިލްމުގައި ކުޅުނީ އެއްވަރުގެ ރޯލެއް. އެހެންނަމަވެސް އެމީހުން އޭނާއަށް ދިނީ ސޫޓް ރޫމެއް. އަހަރެންނަށް ދިނީ ސިންގަލް ރޫމެއް. އަދި އޭނާއަށް ރީތި ކާރެއްވެސް ދިން. އަހަރެން ކައިރީގައި ބުނީ ބަހުގައި އަންނާށޭ. " އަކްޝޭ ކިޔައިދިނެވެ.

އަކްޝޭގެ ބޮލީވުޑްގެ ހަޔާތުގެ މާޒީ ހިތި ނަމަވެސް، މިއަދު އެކަން ވަނީ ބަދަލުވެފައެވެ. އަކްޝޭ ބުނީ އޭނާގެ ފިލްމުތައް ކާމިޔާބު ވާން ފެށުމުން އޭނާއާއި ދޭތެރޭގައި ފިލްމު އުފައްދާ މީހުން ކަން ކުރަމުން އައި ގޮތް ބަދަލުވާން ފެށި ކަމަށެވެ.

" އަަހަރެންގެ ފިލްމުތައް ކާމިޔާބު ވާން ފެށުމުން، ބޮޑެތި ކޮޓަރިތައް ލިބެން ފެށި. އަދި ބައެއް ފަހަރު ބިޒްނަސް ކްލާސްގައި ދަތުރު ކުރުމުގެ ފުރުސަތު ލިބުނުއިރު، ފަސްޓް ކްލާސްގައިވެސް ދަތުރު ކުރަން ފުރުސަތު ލިބުނު." އަކްޝޭއާއި ދޭތެރޭގައި ފިލްމު އުފައްދާ ފަރާތްތައް އަމަލު ކުރަމުން އައި ގޮތް ބަދަލުވަމުން އައި ގޮތް ކިޔައިދެމުން އަކްޝޭ ބުންޏެވެ.

އަކްޝޭ މިހާރު އަންނަނީ އޭނާގެ ފިލްމު "ޕެޑްމޭން"ގެ މަސައްކަތް ކުރަމުންނެވެ. މިމަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރާ ފިލްމު ޕެޑްމޭންގައި އަކްޝޭގެ އިތުރުން ސޯނަމް ކަޕޫރާއި، ރާދިކާ އާޕްޓޭ ފެނިގެންދާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...