ޕްރައިމަރީއެއް ނުބޭއްވިޔަސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔަގީން: ޑރ. ޚަލީލު

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލު

ޕީޕީއެމްގެ ޕްރައިމަރީ ނުބޭއްވިނަމަވެސް ރިޔާސީ ކެންޑިޑޭޓް ޔަގީން ވެފައިވާކަމަށް އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރ ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޗެނަލް ތާޓީންނަށް މައުލޫމާތު ދެއްވަމުން ޑރ. ޚަލީލު ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވިނަމަވެސް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓް ޔަގީންވެފައިވާ ކަމަށެވެ. އަދި ޕީޕީއެމްގެ ހުރިހާ މެންބަރުންވެސް ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދޭން ބޭނުންވާ ކަމަށް ޑރ. ޚަލީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީގައި އެކަކަށް ވިދިވިދިގެން ފަސް އަހަރުގެ ދެ ދައުރުވެރިކަން ކުރެވޭނެ ކަމަށް ބުނެފައިވާއިރު، ޕާޓީން ވެސް ރައީސް ޔާމީނަށް ދެ ދައުރު ދޭން ބޭނުންވަނީ ރައްޔިތުން އަދިވެސް ތަރައްގީ ބޭނުންވާތީ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގެ ދުވެލި މިހާރު މިސްރާބު ޖަހާފައިވަނީ އޭޝިޔާގެ ބައްރުގައިވާ އެންމެ ތަހުޒީބު ގައުމަށް ހެދުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން ޑރ. ޚަލީލު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް ކުރަމުންދާ މަސައްކަތުގައި ވަގުތު ޖެހޭއިރުވެސް އިދިކޮޅު ކެންޑިޑޭޓަކު އިއުލާން ނުކުރެވޭނެ ކަމަށެވެ. އަދި އިދިކޮޅުގައި ތިބި ހުރިހާ އިސް ލީޑަރުން ބޭނުންވަނީ ވެރިކަމަށް ވަޑައިގަތުމަށް ކަމަށް ވާއިރު، ކެންޑިޑޭޓަކު ނެރުމަށް އެފަރާތްތަކުން ކުރާ މަޝްވަރާތަކުން އަލިމަގެއް ނުފެންނާނެ ކަމަށް ވެސް ޑރ. ޚަލީލު ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...