ފިނޭންސް މިނިސްޓްރީގެ އިލެކްޓްރޯނިކް ވިޔުގަރ - ބަނޑޭރި ޕޯޓަލް

ބަޖެޓު ތަންފީޒު ކުރުމުގެ މުއާމަލާތްތައް ކުރާ އިލެކްޓްރޯނިކް ވިޔުގައެއް ތަޢާރަފު ކޮށްފިއެވެ.


ބަނޑޭރި ޕޯޓަލްގެ ނަމުގައި ތައާރަފްކުރި މި ޕޯޓަލްއަކީ ބަޖެޓު ތަންފީޒު ކުރުމުގެ އެކިއެކި މުޢާމަލާތްތައް އެއްތަނަކުން ކުރެވޭނެ ޕްލެޓުފޯމެކެވެ. މި ޕޯޓަލް ހުޅުވައިދެއްވީ ފިނޭސް މިނިސްޓްރީގެ ސީނިއާރ އެޑްވައިޒާރ ޓު ދަ މިނިސްޓަރ މުހައްމަދު ޖަލީލް އެވެ.


ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ތިން ބާވަތެއްގެ ރިކުއެސްޓް މިނިސްޓްރީ އަށް ހުށައެޅުމުގެ ފުރުސަތު އޮފީސްތަކަށް ލިބިގެންދާނެ އެވެ. އެގޮތުން މި ޕޯޓަލް މެދުވެރިކޮށް ބަޖެޓްގެ އެއް ކޯޑުން އަނެއް ކޯޑަށް ފައިސާ ބަދަލު ކުރުމާއި އެޑްވާންސް ފަންޑުން ފައިސާ ހޯދުމާއި، ބަޖެޓު އިތުރު ކުރުމާއި އިތުރު ޚިދުމަތްތަކާއި އިތުރު މަސައްކަތްތަކާއި، ވަކި ފަރާތަކަށް އެދި މި ޕޯޓަލް މެދުވެރި ކޮށް ރިކުއެސްޓު ހުށައެޅޭނެ އެވެ. އަދި ދައުލަތުގެ ދަތުރުތައް އެއް ވިޔުގަޔަކުން ގުޅާލައި މެނޭޖުކޮށް ބެލެހެއްޓުމަށް ދަތުރުތަކުގެ ހުއްދަދިނުން ފަދަ މުޢާމަލާތްތައް ވެސް މި ޕޯޓަލް މެދުވެރި ކޮށް ކުރެވޭނެ ކަމަށް ފިނޭސް މިނިސްޓްރީން ބުނެއެވެ.


މި ޕޯޓަލް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ މި ޕޯޓަލްގެ ސަބަބުން މަސައްކަތްތައް އިތުރަށް ހަލުވިވެ، އަވަސްވެގެން ދާނެ ކަމަށެވެ. އަދި ނިންމަން ޖެހޭ ބައެއް ނިންމުންތައް ނިންމުމުގައި މި ޕޯޓަލް އެހީތެރިވެދިނުމުގެ އިތުރުން ޑާޓާ ކަލެކްޓު ކުރުމުގައި ގެންގުޅޭ ނިޒާމު އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށެވެ. 

މި ޕޯޓަލްގެ ޓެސްޓް ޓްރައިލް މި ހަފްތާގައި ކުރިއަށް ދާއިރު، އަންނަ ހަފްތާގައި ރަސްމީކޮށް މި ޕޯޓަލްގެ ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕޯޓަލް އާއި ގުޅޭ ގޮތުން ތަމްރީނު ޕްރޮގުރާމުތަކެއް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...