މުޒާހަރާއަކާއި ގުޅިގެން 11 ޕްރިންސަކު ހައްޔަރުކޮށްފި

ސައުދީ އަރަބިޔާގެ ޝާހީ އާއިލާތަކުގެ ކަރަންޓް ބިލާއި ފެން ބިލް، އެޤައުމުގެ ސަރުކާރުން ނުދައްކާ ގޮތަށް ނިންމުމުން އެކަމާއި ދެކޮޅަށް މުޒާހަރާ ކުރެއްވި 11 ޕްރިންސަކު ހައްޔަރުކޮށްފިއެވެ.

ސައުދީ އަރަބިޔާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އެގައުމުގެ ވެރިރަށް ރިޔާދުން ހައްޔަރު ކުރި 11 ޕްރިންސުން ވަނީ އަލް ހާކިމް ގަނޑުވަރުގައި ސައުދީ އަރަބިޔާގެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލާފައެވެ. އަދި އެބޭފުޅުން އަޑު އުފުލާފައިވަނީ ޝާހީ އާއިލާތަކުގެ ފެން ބިލާއި ކަރަންޓް ބިލް ދެއްކުން ހުއްޓާލަން ސަރުކާރުން ނިންމުމުންނެވެ. ހައްޔަރު ކުރި ޕްރިންސުން މިވަގުތު ތިއްބެވީ ޖަލެއްގައި ކަމަށާއި އެބޭފުޅުންގެ މައްޗަށް ޝަރީއަތް ހިންގާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވާ ޕްރިންސުންނަކީ، 2016 ވަނަ އަހަރުގައި މަރުގެ ހުކުމް އިއްވާ، ދަންޖައްސާފައިވާ ޕްރިންސެއްގެ ތިމާގެ ބޭފުޅުންތަކެއް ކަމަށެވެ. އަދި އެބޭފުޅުން ވަނީ ދަންޖެއްސި ޕްރިންސްގެ މަރުގެ ބަދަލު ދިނުމަށް އެދިވަޑައިގެންފައި ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ.

ތެލަށް ބަރޯސާވުން ކުޑަކޮށް، ސައުދީ އަރަބިޔާގެ އިޤްތިސާދަށް ހެޔޮ ބަދަލުތަކެއް ގެންނެވުމަށްޓަކައި ސައުދީ އަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދު ވަނީ އިޤްތިސާދީ ގޮތުން ބައެއް ބަދަލުތައް ގެންނަވާފައެވެ.

އޭގެ ތެރޭގައި، ވެލިޔު އެޑެޑް ޓެކްސް ނަގަން ފެށުމާއި، ޝާހީ އާއިލާތަކަށް ސައުދީ އަރަބިޔާގެ ސަރުކާރުން ކުރާ ބައެއް ޙަރަދުތައް ނުކުރާ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން ސައުދީ އަރަބިޔާގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރު ކުރުމަށްޓަކައި ސަރުކާރުގެ ކޮންމެ މުވައްޒަފަކަށް ކޮންމެ މަހަކު، ދުއިސައްތަ ފަސްދޮޅަސް ހަތް ޑޮލަރު ބޯނަސްގެ ގޮތުގައި ދިނުމަށްވެސް ކިންގް ސަލްމާން ވަނީ ނިންމަވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...