ޖަޕާނުގެ ޚާރިޖީ ވަޒީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި


2019 ވަނަ އަހަރުން 2020 ވަނަ އަހަރަށް އ.ދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރަކަށް ވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތަށް ޖަޕާނުގެ ސަރުކާރުން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަޕާނުގެ ޚާރިޖީ ވަޒީރު ޓަރޮކޯނޯ ކިބައިން އެދިވަޑައިގެންފިއެވެ.


..ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހެން އެދިވަޑައިގެންފައިވަނީ ޖަޕާނުގެ ޚާރިޖީ ވަޒީރު ޓަރޯ ކޯނޯ ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ދެ ބޭފޫޅުންވަނީ ދެޤައުމަށް ފައިދާހުރި ގިނަ ކަންތަކަކާދޭތެރޭ މަޝްވަރާތަކެއް ކުރައްވާފަ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގައި ޙިއްޞާވާ ބައިވެރިއެއްކަން ފާހަގަކުރައްވާ ޖަޕާނުގެ އޮފިޝަލް ޑިވެލޮޕްމެންޓް އެސިސްޓެންސް އޯ.ޑީ.އޭ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އިޖުތިމާޢީ އިޤުތިޞާދީ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ މިންވަރު ފާހަގަކުރެއްވިއެވެ.


އަދި ޚާއްޞަކޮށް ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ ޖައިކާގެ ފަރާތުން އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ފަހިކޮށްދޭ ކުރުމުއްދަތުގެ ތަމްރީން ޕްރޮގްރާމްތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކާއި އައި.އެސް.ޑީ.ބީ.ޓީ މަޝްރޫޢުގެ ދަށުން ޤުދުރަތީ ކާރިސާތަކުން ރައްކާތެރިވުމާއި އަދި އީ-ލަރނިންގެ ދާއިރާއިން ލިބޭ ފުރުޞަތުތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އައި.އެސް.ޑީ.ބީ.ޓީ މަޝްރޫޢާއެކު ބަވަނަވަމުންދާ ދުނިޔޭގައި ކުރިއަރާ ދިއުމަށް ދިވެހިރާއްޖެއަށް އާ ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެކަން ޖަޕާނުގެ ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.


މީގެއިތުރުން މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެޤައުމަށް ފައިދާހުރި ގޮތަކަށް ޖަޕާނުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ ދާއިރާތަކާއި ހުރި ފުރުޞަތުތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެއިތުރުން ޖަޕާނަކީ މިހާރު އޭޝީއާގެ ތިން ވަނައަށް އެންމެ ބޮޑު ފަތުރުވެރިކަމުގެ މާރކެޓްކަމަށްވުމާއެކު ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން އިތުރުކޮށް ދެމެހެއްޓުމާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި ޖަޕާނުން މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ދުނިޔޭގެ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ ދިވެހިރާއްޖެއިން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ޖަޕާނާއެކު މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޖަޕާނުގެ ޚާރިޖީ ވަޒީރަށް ދެއްވިއެވެ.

ރައީސް ވަނީ 2019 ވަނަ އަހަރުން 2020 ވަނަ އަހަރަށް އ.ދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރަކަށް ވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތަށް ޖަޕާނުގެ ސަރުކާރުން އެއްބާރުލުން ދެއްވުމަށްވެސް އެދިވަޑައިގެންނަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޖަޕާނުގެ ޚާރިޖީ ވަޒީރު ވަނީ ސަލާމަތީ ކަންކަމާއި ކަނޑުމަތީގެ ރައްކާތެރިކަމާ ބެހޭ ގޮތުން އެޤައުމުން އިސްނަގައިގެން ފެށި މަސައްކަތަށް ދިވެހިރާއްޖެއިން ދިން އެއްބާރުލުމަށް ޝުކުރުއަދާ ކުރައްވާފައެވެ.


އަދި 2020 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިކަމާބެހޭ ސަލާމާތީކަންކަމާ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޝިއާގެ ޤައުމުތައް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާނެ ރަނގަޅު ނިޒާމެއް ޤާއިމްކުރުމުގެ މުހިއްމުކަން ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން އޮލިމްޕިކް ގޭމްސްގެ ކުރިން ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީ ރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައި ޘަޤާފީ އެކްސްޗޭންޖް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވެސް ޚާރިޖީ ވަޒީރު ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. ހަމައެއާއެކު ވަރލްޑް އެކްސްޕޯ 2025 ޖަޕާނުގެ އޮސާކާގައި ބޭއްވުމަށް ދިވެހިރާއްޖެއިން އެއްބާރުލުންދެއްވުމަށް ޚާރިޖީ ވަޒީރު އެދިވަޑައިގެންނެވިއެވެ.


މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވެސް ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހިކޮށް ދެޤައުމުގެ ޝައުޤުވެރިކަން ހުރި ޞަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކުގައި އެކުގައި މަސައްކަތްކޮށް އެއްޤައުމުން އަނެއް ޤައުމަށް އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. ޖަޕާނުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިހާރު ވަނީ ފުރާވަޑައިގަންނަވާފައެވެ.

.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...