ޗެލްސީއަށް ބާކްލީ ސޮއިކޮށްފި

ޖުމްލަ 15 މިލިއަން ޕައުންޑްގެ އަގަކަށް ޗެލްސީއަށް އެވަޓަންގެ މިޑްފީލްޑަރު ރޮސް ބާކްލީ ސޮއިކޮށްފިއެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިއާ ޗެލްސީ އަށް ސޮއިކޮށްފައިވަނީ ފަސް އަހަރާ ހަ މަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޖުމްލަ 13 އަހަރުގެ ދިގު މުއްދަތަކަށް ފަހު އެވަޓަން އިން ބާކްލީ އަލްވަދާއު ކީއިރު، އޭނާ ހުރީ ފާއިތުވެދިޔަ އަހަރުގެ އޮގަސްޓް މަހު ހޭމްސްޓްރިންގަށް ލިބުނު އަނިޔާއެއްގެ ސަބަބުން ހަތް މަހުގެ މުއްދަތަކަށް ކުޅުމާ ދުރުގައެވެ. ޗެލްސީއަށް ސޮއިކުރުމަށް ފަހު އެއީ އާ ފެށުމެއްގެ ގޮތުގައި އެބަދަލު ބާކްލީ ސިފަކުރި އިރު، ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ބާކްލީއަކީ އަދިވެސް ޒުވާން ކުޅުންތެރިއެއް ކަމަށާއި އޭނާގެ ކުޅުމުގައި އަދިވެސް ރަނގަޅު ކުރެވޭނެ ބައެއް ކަންތައްތައް އެބަހުރި ކަމަށެވެ. 

ފަނަރަ މިލިއަން ޕައުންޑްގެ އަގަކަށް ބާކްލީ ޗެލްސީއަށް ބަދަލުވި އިރު، މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ޗެލްސީއިން ވަނީ އޭނާ ހޯދުމަށް 30 މިލިއަން ޕައުންޑްގެ އަގެއް ހުށަހަޅާފައެވެ. މި ހިނގާ ޖަނަވަރީ މަހު އޭނާ ހޯދުމަށް 15 މިލިއަން ޕައުންޑް ޗެލްސީން ހުށަހެޅި އިރު، އޭނާގެ އަގު ވެއްޓިފައިވަނީ އެވަޓަން އާއެކު ބާކްލީ ހަދާފައިވާ އެއްބަސްވުން ހަމަވާން ކައިރިވުމުންނެވެ. 

ޗެލްސީގައި ބާކްލީ ކުޅޭނީ ފްރޭންކް ލަމްޕާޑް އަދި އޮސްކާ ކުރިން ކުޅުނު އަށްނަމްބަރު ޖާޒީ އަށެވެ. ބާކްލީ އަކީ އުމުރުން އެންމެ 11 އަހަރުގައި އެވަޓަންގެ ޔޫތު އެކަޑެމީއަށް ތައާރަފްވި ކުޅުންތެރިއެކެވެ. އެ ކްލަބުގައި ކުރިއަރަމުން އައިސް އޭނާ ވަނީ ޕްރިމިއާ ލީގުގައި 150 މެޗު ކުޅެ 21 ލަނޑު ޖަހާފައެވެ. 

ޗެލްސީ އަށް ބާކްލީ ދިޔަ އިރު، އެވަޓަން އިން ވަނީ 27 މިލިއަން ޕައުންޑްގެ އަގަކަށް ތުރުކީވިލާތުގެ ސްޓްރައިކަރު ސެންކް ޓޯސުންގެ ސޮއި ހޯދާފައެވެ. އުމުރުން 26 އަހަރުގެ ކުޅުންތެރިއާ އާ ގުޅޭގޮތުން އެވަޓަންގެ ކޯޗު ސޭމް އެލާޑިސް ބުނީ އެއީ މިހާރު މާކެޓްގައި ސްޓްރައިކަރުން ވިއްކާ އަގުތަކާ އަޅާ ކިޔާލާ އިރު، ފެންވަރު ރަނގަޅު ކުޅުންތެރިއަކަށް ކުޑަ އަގެއް ދީގެން ހޯދުން ކަމަށާއި ޓޯސުންގެ ފަރާތުން އެވަޓަންގައި މޮޅު ކުޅުމެއް ފެނިގެން ދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...