ދީނާއި ބީރައްޓެހި މީހަކު ރާއްޖޭގެ ރައީސް ކަމަށް ގެންނަން ރައްޔިތުން ބޭނުމެއް ނުވާނެ: އަބްދުﷲ މުހައްމަދު

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ މުހައްމަދު. ފޮޓޯ: ސަން

އިސްލާމްދީނާއި ބީރައްޓެހި މީހަކު ރާއްޖޭގެ ވަލިއްޔުލް އަމުރަކަށް އިންތިޚާބު ކުރަން ރާއްޖޭގެ ރައްޔިތުން ބޭނުން ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޗެނަލް ތާޓީންނަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ މުހައްމަދު ވިދާޅުވީ ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ގައުމެއް ކަމަށާއި، މި ގައުމުގައި އޮތީ އިސްލާމީ ވެރިކަމެއް ކަމަށެވެ. އަދި ގައުމުގެ ވަލިއްޔުލްއަމްރު ކަމުގެ މަގާމަށް އިންތިޚާބު ކުރަންޖެހޭ މީހާގެ ޝަރުތު ތަކުގެ ތެރޭގައި ވެސް މުސްލިމަކު ކަމުގައި ވުން ހިމެނޭ އިރު، ގައުމުގެ އެންމެ އިސް ވެރިޔާއަކީ އިސްލާމް ދީނަށް ލޯބިކުރާ، އިސްލާމް ދީން ހިމާޔަތް ކުރާ ވެރިޔަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
 
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ހާމަކުރެއްވުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަބްދުﷲ ވިދާޅުވީ ނަޝީދަކީ ވެރިކަމުގައި ހުންނަވައިގެން ވެސް އަދި މިހާރު ވެސް އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީނީ ޢިލްމުވެރިންނަށް ފާޑު ވިދާޅުވި ބޭފުޅެއް ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުން ކުރުމަށާއި، އިންސާނާ ބުއްދި ފިލައި ދިއުމަށް ހިތްވަރުދީ ނަޝީދު ވާހަކަ ދެއްކެވި ކަމަށް ވެސް އޭނާ ވިދާޅުވި. އަބްދުﷲ މިހެން ވިދާޅުވި އިރު، ނަޝީދުގެ ވެރިކަމުގައި އިސްލާމް ދީނާ ދެކޮޅު ހިންގާފައިވާ އަމަލުތައް ދިވެހިރައްޔިތުންނަށް ވަނީ ފެނިގެން ގޮސްފައެވެ.

އެގޮތުން ސާކްސަމިޓު ގައި އައްޑޫގައި ބުދު ބެހެއްޓުމާއި، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާ ސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރުދީ ވާހަކަ ދެއްކެވުން ހިމެނެއެވެ. މީގެއިތުރުން ދެހާސް ބާރަ ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަންސަވީސް ވަނަ ދުވަހުގެ ރޭ ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ބަނގުރާ ބުއިމަށް ހިތްވަރުދީ ވާހަކަ ދައްކަވާފައެވެ. އެޖަލްސާގައި ނަޝީދު ވިދާޅުވެފައިވަނީ ބަނގުރާ ބޭނުންކުރާ މީހުން ހައްޔަރުކުރަން ފުލުހުން ފައިސާ ޚަރަދުކުރުމަކީ ބޭކާރު ޚަރަދެއް ކަމަށާއި، ތަނެއްގައި ރާފުޅިއެއް ބަހައްޓާފައިހުރުމުން ފުލުސް އޮފީހުގެ ބަޖެޓުގެ ދެބައިކުޅަ އެއްބައި ހޭދަކޮށްގެން މަތިންނާއި އަޑިންނާއި އެއްގަމުން އަރައި އެތަނެއްގައި ތިބޭ މީހުންނަށް ހަމަލާދީ ހިފާ ހައްޔަރުކުރަން އުޅުމުން އެކުރެވެނީ އިސްރާފެއް ކަމަށެވެ. 

ނަޝީދު މިހެން ވިދާޅުވެފައިވަނީ 2012 ވަނަ އަހަރުގެ ނޮވެންބަރ މަހުގެ 15 ވަނަ ދުވަހުގެރޭ ހދ. ހޮނޑައިދޫގައި ފުލުހުން ހިންގި ޚާއްޞަ އޮޕްރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގިނަ ޢަދަދެއްގެ ދިޔާތަކެއްޗާއި ގިނަ ޢަދަދެއްގެ ބަނގުރަލާއެކު އެމަނިކުފާނުގެ ސަރުކާރުގެ އޭރުގެ އިސްވެރިންތަކެއް ހައްޔަރުކުރިތާ ދިހަ ވަނައަށް ވީ ދުވަހުކަން ފާހަގަކޮށްލެވެއެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ފުލުސް އޮފީހަށް ދީފައިވާ ބަޖެޓުން ބަލަންވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރުން ކަމަށާއި ހޮނޑައިދޫއަށް އެރުމަށް 4 ލައްކަ ރުފިޔާ ހަރަދުކުރުމަކީ ވަރަށް ބޮޑު ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ.

ހޮނޑައިދޫން ބަނގުރަލާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި އޭރުގެ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕް މެމްބަރު ހާމިދު އަބްދުލްޣަފޫރާއި، ހެންވޭރު ތިމާވެށި އަބްދުﷲ ޖާބިރާއި، ނަޝީދުގެ ސަރުކާރުގެ އެޑްވައިޒަރު އިބްރާހިމް ހުސެއިން ޒަކީއާއި، ނަޝީދުގެ ސަރުކާރުގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހައިރާއި އޭނާގެ އަންހެނުންނާއި، ޒަކީގެ ދަރިފުޅު ޙަމްދާން ޒަކީ އާއި ޖާދުﷲ ޖަމީލް އާއި ސްރީލަންކާގެ ދެ ރައްޔިތެއް ހިމެނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ކުމާރު 05 ޖެނުއަރީ 2018 - 19:23

    ނަޝީދު ކަލޭ އަނގައޭ ކިޔާބަލަ. ނުލަފާ މީހާ ގަނޑު

ގުޅުން ހުރި
Loading...