އެމެރިކާއަށް ބާރު ގަދަ ސްނޯގެ ތޫފާނެއް އަރައިފި

އެމެރިކާގެ ގިނަ ސަރަހައްދުތަކަށް ބާރު ގަދަ ސްނޯގެ ތޫފާނެއް އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުން އެބަދެއެވެ.

އެމެރިކާގެ ގިނަ ސަރަހައްދުތަކަށް ބުދަ ދުވަހު ވަނީ، ސްނޯގެ ތޫފާން "ބޮމް"ގެ އަސަރު ކުރަން ފަށާފައެވެ. މި ތޫފާނުގެ އަސަރު އެންމެ ފުރަތަމަ ކުރީ އެމެރިކާގެ ސައުތު ކޯސްޓަށެވެ. އަދި މިހާރު ތޫފާނުގެ މިސްރާބު ހުރީ އީސްޓް ކޯސްޓާއި ދިމާލަށް ކަމަށް ޚަބަރުތައް ބުނޭ. ތޫފާން "ބޮން"ގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ރެކޯޑް އަދަދަކަށް ސްނޯ ފައިބަމުން އަންނައިރު، މިއީ ތާރީހުގައިވެސް އެމެރިކާއަށް އަރާފައި ނުވާފަދަ ބާރު ގަދަ ތޫފާނަކަށް ވެގެން ހިނގައިދާނެ ކަމަށް މޫސުމާއި ބެހޭ ތަޖްރިބާކާރުން ވަނީ ލަފާކޮށްފައެވެ. ރެކޯޑް މިންވަރަކަށް ސްނޯ ފައިބަމުން ދިއުމުގެ ސަބަބުން، ފިނީގެ އަސަރުކޮށްގެން މިހާތަނަށް 9 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ސްނޯގެ ތޫފާނުގެ އަސަރު ކުރަމުން އަންނަ ސަރަހައްދުތަކުގެ ތެރޭގައި އެމެރިކާގެ އީސްޓް ކޯސްޓާއި، މެސެޗޫސިޓްސް، އަދި ނިއު އިންގްލޭންޑާއި ނިއުޔޯކް ހިމެނެއެވެ. މީގެ އިތުރުން ތޫފާނުގެ އަސަރު ކުރަމުން އަންނަ ފްލޮރިޑާއާއި ޖޯޖިއާގެ އިތުރުން ނޯތު ކެރޮލައިނާއާއި ވާޖީނިއާގައިވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ. މި ބާރުގަދަ ތޫފާނާއި ގުޅިގެން ގިނަ ސަރަހައްދުތަކަށް ބާރު މިނުގައި އަންނަނީ ވައިޖެހެމުންނެވެ.

އެގޮތުން މެސެޗޫސިޓްސްއަށް ގަޑިއަކު 75 މޭލުގެ ބާރު މިނުގައި ވައިޖެހެމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ. މޫސުން ގޯސްވުމާއި ގުޅިގެން ބައެއް އެއާޕޯޓްތައް ބަންދު ކޮށްފައިވާއިރު، އެއްގަމު ދަތުރުފަތުރު ކުރުމުގެ ނިޒާމަށްވެސް ބުރޫ އަރާފައިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ބައެއް ސަރަހައްދުތަކަށް 18.3 އިންޗީގެ ބޯ މިނަށް ސްނޯ ފައިބާފައިވާއިރު، މިއީ ރެކޯޑް މިންވަރެއްކަން ފާހަގަ ކޮށްލެވެއެވެ.

ސްނޯގެ ތޫފާނުގެ އަސަރު ފްލޮރިޑާއަށްވެސް ކުރަމުން އަންނައިރު، މި ތޫފާނާއި ގުޅިގެން ފާއިތުވި 29 އަހަރުގެތެރޭގައި ފްލޮރިޑާއަށް ފުރަތަމަ ފަހަރަށް ވަނީ ސްނޯ ފައިބާފައެވެ. ސްނޯގެ ތޫފާނުގެ އަސަރު ކުރަމުން އަންނަ ސްޓޭޓްތަކުގެ މޫސުމާއި ބެހޭ އިދާރާތަކުން ވަނީ، ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ނުނިކުތުމަށް އާއްމުންނަށް އިސްތިމާސްކޮށްފައެވެ.

އެމެރިކާއަށް މިހާރު އަރާފައިވާ ސްނޯގެ ތޫފާނުގެ ބާރު ގަދަ ވާނެ ކަމަށް ބެލެވޭއިރު، މި ތޫފާނަކީ، މިއަހަރުގެ ތެރޭގައި އަރާނެ އެންމެ ބާރުގަދަ ތޫފާނަށް ވާނެ ކަމަށް ސައިންޓިސްޓުން ވަނީ ލަފާކޮށްފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...