ރާއްޖޭގެ ފައިސާ ދެއްކުމުގެ ނިޒާމާ ބެހޭ ގޮތުން ދިރާސާއެއް ކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ. ފޮޓޯ: އަވަސް

ދިވެހިރާއްޖޭގެ ވިޔަފާރީގެ މުޢާމަލާތް ކުރުމާއި ފައިސާ ދެއްކުމުގެ ނިޒާމާ ގުޅޭގޮތުން ޚާއްސަ ދިރާސާއެއް ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ނެރުނު ނޫސްބަޔާނުގައި މަރުކަޒީ ބޭންކުން ބުނީ އެ ސަރވޭގެ މަޤްސަދަކީ އެކިއެކި މުޢާމަލާތްތަކުގައި ފައިސާ ދެއްކުމުގައި ދިމާވާ ދަތިތަކާއި މައްސަލަތައް ދެނެގަތުމާއި ނަގުދު ފައިސާ ބޭނުންކުރުން މަދުކޮށް، ވީހާވެސް ފަސޭހަ ނިޒާމަކުން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަގުފަހި ކުރުން ކަމަށެވެ.

މި ސަރވޭގެ މައުލޫމާތު ނަގާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަން، މަސްވެރިކަން، ތަކެތި އުފެއްދުން، އިމާރާތްކުރުން، ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތް، ވިޔަފާރި، މާލީ ހިދުމަތް، ސިއްހީ އަދި ތަޢުލީމީ ދާއިރާ ހިމެނެއެވެ.

މަރުކަޒީ ބޭންކުން ބުނީ މި ސަރވޭގައި ފުރަތަމަ މައުލޫމާތު އެއްކުރުމަށް އަމާޒުކޮށްފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިނގިލި ހިމެނޭ ސަރަހައްދުން ކަމަށެވެ. އަދި ސަރވޭގެ ފުރަތަމަ ބައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް މަރުކަޒީ ބޭންކުން މައުލޫމާތު ދެއެވެ.

އެގޮތުން ކޮންމެ ދުވަހަކު ހެނދުނު 09:00 - 18:00 އާ ދެމެދު މަރުކަޒީ ބޭންކުގެ ޓީމްތައް ސަރވޭއަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގައި ހަރަކާތްތެރިވާނެ ކަމަށް ވެސް މަރުކަޒީ ބޭންކުން ބުނެއެވެ.

މީގެ އިތުރުން ޕޭމެންޓް ސިސްޓަމް ހަރުދަނާ ކުރުމަކީ ވަރަށް ބޮޑު ހޭދައެއް ކޮށްގެން ކުރާ ޤައުމީ މަސައްކަތެއް ކަން ފާހަގަކޮށް، ހުރިހާ ފަރާތްތަކުން ވެސް އެ ސަރވޭއަށް ފުރިހަމަ އެއްބާރުލުން ދިނުމަށް މަރުކަޒީ ބޭންކުގެ ނޫސްބަޔާނުގައި އެ އިދާރާއިން އިލްތިމާސް ކޮށްފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...