އެލައިޑް ހަލް ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތް އިއުލާނުކޮށްފި

އެލައިޑް ހަލް ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތް އިއުލާނު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އަވަސް

އެމްޓީސީސީއާއި އެލައިޑް އިންޝުރަންސް ގުޅިގެން ކުރިއަށް ގެންދިޔަ "އެލައިޑް ހަލް ޕްރޮމޯޝަން" ގެ ނަސީބުވެރި ފަރާތް އިއުލާނުކޮށްފިއެވެ.

އެލައިޑް އިންޝިއުރެންސްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތް އިއުލާނު ކޮށްދެއްވީ އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ އިސްމާއިލް އަދުހަމް އެވެ.

މި ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތަށް ހޮވިފައިވަނީ ށ. ކޮމަންޑޫ ބަނަފުސާގޭ، އަހްމަދު އިސްމާއިލް އެވެ. މި ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތަށް އިނާމެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ 120،000 ރުފިޔާގެ އަގުހުރި 60 ހޯސްޕަވަރު ސުޒުކީ އައުޓްބޯޑް ހަތަރު ސްޓްރޯކް އިންޖީނެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެލައިޑް އިންޝިއުރެންސްގެ މާކެޓިންގް މެނޭޖަރ ނިއުޝާދު ޝަރީފް ވިދާޅުވީ، އެ ޕްރޮމޯޝަނަކީ އެކުންފުނީގެ އިންޝިއުރެންސް ޕެކޭޖުތަކުގެ ތެރެއިން "ބޯޓް ބިލްޑިންގް އިންޝިއުރަންސް" އާއި "ހަލް އިންޝިއުރަންސް" ޕެކޭޖްތައް އަލަށް ނެގި ފަރާތްތަކުގެ މެދުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއް ކަމަށެވެ.

އަދި މި ޕްރޮމޯޝަނަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި، 80 އަށް ވުރެ ގިނަ ފަރާތްތަކުން އެ ޕްރޮމޯޝަނުގައި ބައިވެރިވެފައިވާ ކަމަށް ނިއުޝާދު ވިދާޅުވިއެވެ.

އެލައިޑް ހަލް ޕްރޮމޯޝަނަކީ މިދިޔަ އަހަރު ބޭއްވި މެރިން އެކްސްޕޯގެ ތެރެއިން އެމްޓީސީސީއާއި އެލައިޑް އިންޝިއުރެންސް ގުޅިގެން ފެށި ޕްރޮމޯޝަނެކެވެ. ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުގެ މައިގަނޑު މަޤްސަދަކީ އޮޑިދޯނިފަހަރަށް ޚާއްސަ ޕްރޮޑަކްޓްތަކެއް އެލައިޑުގައި ހުރިކަން އާންމުންނަށް އަންގައިދިނުން ކަމަށް އެލައިޑުން މީގެ ކުރިން ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...